އައްޑޫ ސިޓީ ލިންކް ރޯޑްގައި މިއަދު ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަހަމްވި ކުޑަ ކުއްޖާ މަރުވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މިއަދު ހެނދުނު 9:50 އެހައިކަންހާރިއިރު ހިތަދޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވީ ގދ. ވާދޫ، ނެސްޓް އުމުރުން 13 އަހަރުގެ އަރުޝަމް އިބްރާހިމެވެ.

އެ ކުއްޖާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަޖީބު ވިދާޅުވީ މިއަދު ހިނގި އެކްސިޑެންޓާ ގުޅިގެން ދެ މީހަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ ސައިކަލު ދުއްވަން އިން ޒުވާނާއެވެ. އަދި ދެން ގެނައީ ކުޑަ ކުއްޖަކު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޖީބް ވިދާޅުވީ ކުޑަކުއްޖާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށްކަމަށާއި އެކުއްޖާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.

އެކުއްޖާ މަރުވީ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެން ކުއްޖާއަށް މިހާރުވެސް ފަރުވާ ދެމުން ދާކަމަށެވެ.