26 Dec 2017, 19:20
ލީމާ (ޑިސެމްބަރު 26): އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށުގައި ޖަލަށް ލާފައިވާ ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޮރީއަށް އެގައުމުގެ ރައީސް މާފު ދެއްވުމާ ގުޅިގެން އެނިންނުމާ ދެކޮަޅަށް އެތައް ހާސް މީހުން މުޒާހަރާކޮށްފި އެވެ.
އާދީއްތަ ދުވަހުން ފެށިގެން ޕެރޫގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ބައެއް މުޒާހަރާތަކުގައި ހަމަނުޖެހުންތައް އުފެދުމާ ގުޅިގެން އެގައުމުގެ ފުލުހުން ވަނީ އެ އެއްވުންތައް ރޫޅާލުމަށް ކަރުނަ ގޭސް ޖަހާފަ އެވެ.
އެހަމަނުޖެހުންތަކާ ގުޅިގެން ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކަޗިންސްކީ ވަނީ އޭނާގެ ނިންމުން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ފުޖިމޮރީއަށް މާފު ދެއްވީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށާއި، އޭނާ ޖަލުގައި އަވަހާރަވާން ދޫކޮށްލަން ބޭނުން ނުވީ ކަމަށް ކަޗިންސްކީ ވިދާޅުވި އެވެ.
ޕެރޫގެ ވެރިކަމުގައި 1990 އަކުން 2000 ވަނަ އަހަރާ ހަމައަށް ހުންނެވިި ފުޖިމޮރީ ޖަލަށް ލާން ފުރަތަމަ ހުކުމް ކުރީ 2007 ވަނަ އަހަރު ރިޝްވަތު ނެންގެވުމުގެ ކުށުގަ އެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
ފުޖިމޮރީއާ އިދިކޮޅު ފަރާތްތައް ޕެރޫގައި ގިނަ ނަމަވެސް އޭނާ އަށް ތާއިދު ކުރާ ފަރާތްތައް ވެސް އެގައުމުގައި ގިނަ އެވެ. އެގޮތުން އޭނާ އަށް ތާއިދު ކުރާ މަޖިލިސް މެމްބަރުން ވަނީ ރައީސް ކަޗިންސްކީ މަގާމުން ދުރުކުރުމަށް ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގައި ދާދި ފަހުން ނެގި ވޯޓެއް ނާކާމިޔާބު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ.
އެހެންކަމުން އިދިކޮޅު ފަރާތްތަކުން ވަނީ ކަޗިންސްކީ މަގާމުން ދުރުކުރުމާ ދެކޮޅަށް އެމެމްބަރުން ވޯޓު ދެއްވީ ފުޖިމޮރީއަށް މާފު ދެއްވާނެ ކަމުގެ ޔަގީންކަން ކަޗިންސްކީ ދެއްވުމުން ކަމަށް ވިދާޅުވެފަ އެވެ. ނަަމަވެސް ކަޗިންސްކީ ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. (ބީބީސީ)