ދިރާގުގެ ބްރޭންޑް އެމްބަސަޑަރަކަށް މަޝްހޫރު މިއުޒިކް ބޭންޑް "ޑީޓިއުން" ހަމަޖައްސައިފި އެވެ.

ދިރާގުގެ އެމްބަސަޑަރަކަށް ޑީޓިއުން ބޭންޑް ހަމަޖައްސާފައި ވަނީ މިއަދު ޑީޓިއުން ބޭންޑާ އެކު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޑީޓިއުން ބޭންޑް ދިރާގުގެ އެމްބެސަޑަރަކަށް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ޑީޓިއުން ބޭންޑް ދިރާގުގެ އެމްބެސަޑަރަކަށް ހަދައި އެ ބޭންޑާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ޝަރަފަކާއި އުފަލެއް ކަމަށެވެ. އަދި ދިރާގުގެ އެމްބެސެޑާޝިޕްއަކީ އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެމްބެސެޑާޝިޕެއް ކަމަށާއި ޑީޓިއުން ބޭންޑްއާ އެކު އެމްބެސެޑާޝިޕް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ، ދިރާގުން ތައާރަފްކުރި ޔޮންޑާ މިއުޒިކް އެޕްލިކޭޝަނަށް ވަރަށް އަވަހަށް ޑީޓިއުން ބޭންޑްގެ ކޮންޓެންޓް ވެސް އިތުރުކޮށް އެ ބޭންޑްގެ ލަވަތައް އެ އެޕްލިކޭޝަނުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ބޭންޑަށް ވެދެވެން އޮތް އެހީތެރިކަމެއް ދިރާގުން ވެދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑީޓީއުން ބޭންޑަކީ މީގެ 12 އަހަރު ކުރިން ރާއްޖޭގެ ޒުވާނުން އިސްނަގައިގެން އުފައްދައިފައިވާ މަގުބޫލް ބޭންޑެކެވެ. މިއަދު ދިރާގު ހެޑް އޮފީސްގައި ކުރިއަށްގެން ދިޔަ އެ ރަސްމިއްޔާތުގައި ޑީޓިއުން ބޭންޑްގެ ބައިވެރިންނާ އެކު އެ ބޭންޑްގެ ލައިވް މިއުޒިކްގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.