26 Dec 2017, 16:08
ރިޔާޛު (ޑިސެމްބަރު 26): ފާއިތުވި ދެ ދުވަސް ތެރޭ ސައުދީ އަރަބިއާއިން ޔަމަނަށް ދިން ވައިގެ ހަމަލާތަކުގައި 71 މީހަކު މަރުވެފައިވާ ކަމަށް ޔަމަނުގެ ރައްޔިތުންނާއި މީޑިއާތަކުން ބުނެފި އެވެ.
ސަންއާގެ ރައްޔިތުންނާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން އެސިޓީއަށް އިއްޔެ ދިން ހަމަލާތަކުގައި 11 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭ ކަމަށް އަލްޖަޒީރާގައިވެ އެވެ.
އަދި އެގައުމުގެ ހުބައިދާ ޕްރޮވިންސަށް އިއްޔެ ދިން ހަމަލާތަކުގައި އަށް މީހަކު މަރުވެފައިވާ ކަމަށާއި ދައްމާރު ޕްރޮވިންސުން ހަތަރު މީހަކު މަރުވި ކަމަށް ވެސް ޔަމަނުގެ މީޑިއާތަކުން ބުންޏެވެ.
މީގެ އިތުރުން އާދިއްތަ ދުވަހު ޔަމަނުގެ އެކި ސަރަހައްދުތަކަށް 51 ހަމަލާ ދިން ކަމަށާއި އެ ހަމަލާތަކުގައި 48 މީހަކު މަރުވި ކަމަށް ޔަމަނަށް އަތް ގަދަކޮށްފައިވާ ހޫޘީން ހިންގާ ސަބާ ނޫހުން ބުންޏެވެ.
ޔަމަނުގައި މީގެ ކުރިން އޮތް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރު ހޫޘީ ހަނގުރާމަވެރިން ވައްޓާލުމާ ގުޅިގެން އެސަރުކާރު އިޔާދަ ކުރުމަށް ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ޔަމަނަށް ހަމަލާދޭން ފެށީ 2015 ވަނަ އަހަރެވެ. އެހަމަލާތަކުގައި ޔަމަނުގެ 10،000އަށް ވުރެ ގިނަ މީހުން މަރުވެ، 40،000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އދ.އިން ބުނެ އެވެ. (އަލްޖަޒީރާ)