މުޅި ރާއްޖެ ހިމެނޭ ގޮތަށް 360 ޑިގްރީ އަށް ވީޑިއޯ މެޕެއް ހެދުމަށް އިންޑޮނޭޝިޔާގެ ކުންފުނި، ގެކޯ ޑިޖިޓަލް އާ މިއަދު ހަވާލުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްއެމްޕީއާރްސީ އިން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިންގް ޑިރެކްޓަރު ހާރިސް މުހައްމަދެެވެ. އަދި ގެކޯ ޑިޖިޓަލް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޖޭމްސް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހާރިސް ވިދާޅުވީ އެ މަސައްކަތަކީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އޮންލައިން އެންޑް ޑިޖިޓަލް މީޑިއާ ބޭނުންކޮށްގެން ކުރާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ވިޒިޓް މޯލްޑިވްސް ވެބްސައިޓްގައި ހިމަނާ މެޕަކީ، މުޅި ރާއްޖެ ފެންނަ 360 ޑިގްރީ ވީޑިއޯއެއްގެ މެޕެއް ކަމަށާއި ރާއްޖެ އަށް އެ މެޕް އެ ކުންފުނިން ހަދިޔާ ކުރަނީ ހިލޭ ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.

"ރާއްޖޭ ހިމެނޭ ހުރިހާ ސަރަހައްދެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް މި މެޕްގައި ހިމެނިގެންދާނެ. މީގެ ސަބަބުން ޓުއަރިޒަމް ސިނާއަތުގެ ފައިދާ ދިވެހިންނަށް ހުޅުވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މުޅި މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި ނަމަވެސް އުންމީދަކީ އަންނަ މާޗް މަހު މި މެޕްގެ ބޮޑު ބައެއް ނިންމާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ރަށެއް ކަވާ ކުރަން އެބަ ޖެހޭ އެ ރަށް ރަށަށް ޒިޔާރާތްކުރަން، ޓީމްތައް ޖަނަވަރީ މަހު ރަށްރަށަށް ދާނެ. ފޮޓޯތައް ނަގަން ހަމަޖެހިފައި ވަނީ މޫސުން ރަނގަޅު ދުވަސްތަކުގައި. މޫސުން ރީތި ވީމާ ރާއްޖޭގެ ރީތިކަން ހާމަވެގެންދާނީ،" ހާރިސް ވިދާޅުވި އެވެ.

އިންޑޮނޭޝިއާގެ ގެކޯ ޑިޖިޓަލްއާ އެ މަސައްކަތް ހަވާލުކުރީ އެއް އަހަރުން އެ މަސައްކަތް ނިންމުމަށެވެ.