ޖަޕާނުގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ޖެނުއަރީ މަހު ހަ ވަނަ ދުވަހު ކަމަށެވެ. އެ ދަތުރުފުޅުގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ އެކު ބައިލެޓްރަލް ވާހަކަތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ ދަތުރުގެ އިތުރު ތަފްސީލެއް އެ މިނިސްޓްރީއަކުން ނުދެ އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާއިރު ރާއްޖެ އާއި ޖަޕާނާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރުން މި އަހަރު ވަނީ ފާހަގަކޮށްފަ އެވެ. ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް ބޮޑެތި އެހީތަކެއް ދީފައިވާ އަދި ދެމުންދާ ގައުމެއް ވެސް މެ އެވެ.