26 Dec 2017, 15:17
ޗައިނާގެ އެންމެ ބޮޑު ސިޓީ އަދި މާލީ މަރުކަޒު ޝަންގްހާއީގެ ސައިޒު، މެނޭޖު ކުރެވޭ ވަރަށް ވުރެ ބޮޑުވެދާނެތީ އެ ސިޓީގެ ސައިޒު އެއްވަރެއްގައި ހިފެހެއްޓުމަށް ޓަކައި ސިޓީގައި ދިރިއުޅޭ މީހުންގެ އާބާދީ ކޮންޓްރޯލުކުރުމަށް ޗައިނާގެ ސްޓޭޓް ކައުންސިލުން ނިންމައިފި އެވެ.
ޗައިނާގެ ސްޓޭޓް ކައުންސިލުން ބުނެފައިވާ ގޮތުން، ޝަންގްހާއީގެ އާބާދީ ކޮންޓްރޯލް ކުރުމަކީ އެ ސިޓީގެ 2035 ވަނަ އަހަރާ ހަމައަށް ކަނޑައަޅާފައިވާ، ޝަންގްހާއީގެ މާސްޓާޕްލޭނުގައި ވެސް ހިމެނޭ ކަމެކެވެ.
ޗައިނާ އިން ނިންމާފައި ވަނީ، ޝަންގްހާއީގެ އާބާދީ، 25 މިލިޔަން މީހުންނަށް ވުރެ އިތުރު ނުކުރުމަށެވެ. ސަބަބަކީ، ސިޓީގެ އާބާދީ ބޮޑުވުމާ އެކު ކުރިމަތިލާން ޖެހޭ ތޮއްޖެހުމާއި ތިމާވެށީގެ މައްސަލަ އާއި ތައުލީމާއި ސިއްހީ ޚިދުމަތް ފަދަ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އުނދަގޫތަކެއް ވާނެތީ އެވެ.
މި ހާލަތަށް ކިޔަނީ "ބިގް ސިޓީ ޑިޒީސް" ނުވަތަ "ބޮޑެތި ޝަހަރުތަކުގެ ބަލި"އެވެ.
ޝަންގްހާއީގެ އާބާދީގެ އިތުރުން، އެ ސިޓީގައި އިމާރާތްކުރުމުގެ މަސައްކަތްތައް ވެސް ކުރެވޭނީ، އެ ސިޓީގެ 6،340 އަކަ ކިލޯ މީޓަރުގެ ސަރަހައްދުގެ ތެރެއިން 3،200 އަކަ ކިލޯ މީޓަރުގެ ސަރަހައްދުގައި އެކަނި ކަމަށް ވެސް ޗައިނާ ސްޓޭޓު ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ދެހާސް ފަނަރަވަނަ އަހަރު ނިމުނު އިރު ޝަންގްހާއީގެ އާބާދީގެ ދަފްތަރުގައިވާ ގޮތުން، އެ ސިޓީގައި ދިރިއުޅެނީ 24.15 މިލިޔަން މީހުންނެވެ.
ޗައިނާއަކީ ގާތްގަނޑަކަށް 1.4 ބިލިޔަން މީހުންނާ އެކު، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމެވެ.