ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކި ނަމޫނާ އިން އިބުރަތް ހާސިލުކުރުމަށް ދިވެހި ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި އެވެ.

މިއަދު ފާހަގަ ކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ މަތިވެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ގައުމީ މަޞްލަހަތު އިސްކުރުމަކީ، މިފަދަ ކާރިސާތަކުން އަޅުގަނޑުމެން ދަސްކުރަންވީ ފިލާވަޅު ކަމަށެވެ.

ތަރައްގީއަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތެއް ކަމަށް ބަލައިގަނެ، މިއަދު ވެސް ގައުމީ ރޫޙާއި އެކުވެރިކަން ކުރިއަށް ނެރުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް އޮތް ވާޖިބެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތޯބުގައި އިތުރަށް ވިދާޅުވީ ސުނާ،ީގެ ހިތާމަވެރި ކާރިސާގައި، އަޅުގަނޑުމެންގެ ތެރެއިން މިދުނިޔެ ދޫކުރެއްވި އުޚުތުންނާއި އަޚުންގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީ އަޅުގަނޑުމެންގެ މައްޗަށް މިއަދު އޮތް ވާޖިބެއް ކަމަށެވެ.

ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން އަންނަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި، ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެދުވަހު ދެއްކެވި އެކުވެރިކަމާއި ގައުމީ އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުމުގެ ހަނދާންތައް އާކުރުމަށް ޓަކަ އެވެ.