ނ، ބ، އަދި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު މެންދުރު މާލެ ވަޑައިގެންފި އެވެ.

އާދިއްތަ ދުވަހު ރައީސް ފެއްޓެވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ނ. އަތޮޅު މާޅެންދޫ، ހޮޅުދޫ އަދި ވެލިދޫއަށް ވަޑައިގެން އެ ތިންރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފަ އެވެ. މާޅެންދޫ އަށް ކުރެެއްވި ދަތުރުފުޅުގައި ރައީސް ވަނީ އެރަށު މިސްކިތް ވެސް ހުޅުއްވައިދެއްވައިފަ އެވެ. މީގެ އިތުރުން ހެނބަދޫ ނަރުދަމާގެ އަމަލީ މަސައްކަތް ވެސް ރައީސް ވަނީ ފައްޓަވާ ދެއްވައިފަ އެވެ.

ޅ. އަތޮޅުން ރައީސް ވަޑައިގެންނެވީ އެއަތޮޅު ހިންނަވަރަށެވެ. ހިންނަވަރަށް ވަޑައިގެން ޔޫއެސްއެއިޑުން އެރަށުގައި ގާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވި އެވެ.

ބ. އަތޮޅުގެ ރަށްރަށުގެ ތެރެއިން ރައީސް ވަނީ އެ އަތޮޅު ކެންދޫ އާއި ތުޅާދޫގެ ބަނދަރު ހުޅުއްވައިދެއްވައިފަ އެވެ. އަދި އެ އަތޮޅު އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތާއި އޭދަފުއްޓާއި ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގަތެވެ.