ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވެއްދުމުށް ވަކާލާތު ކުރަމުންދާ މީހުން އެ ހަދަނީ ގޯހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫ ރައްޔިތުންނާ މިއަދު އެ ރަށުގައި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ބަގުރޫޓްކޮށްލުމަށް ރާއްޖޭގެ އަގު ވައްޓާލުމަށް ވާހަކަދެއްކުމަކީ އެއްވެސް ފަރުދަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގައުމަށް ގެއްލުން ދިނުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ، އެފަދަ ވާހަކަދެއްކުމަކީ ވަކިވަކި ފަރުދުންގެ އިތުރުން ޕާޓީތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ރައީސްކަން ކޮށްފައިހުރި އަދި ކިތަންމެ މަތިވެރި މީހަކަށް ވެސް އެފަދަ ހައްގެއް ލިބިގެން ނުވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގޭ ދާހިލީ މަސްލަހަތުގެ ތެރެއަށް ބޭރުގެ ފަރާތްތައް ގެންނަން ވަކާލާތުކޮށް އަޑުގަދަކޮށް ވަކާލާތުކުރާ މީހުން އެކުރަނީ ގޯހެއް. އެހަދަނީ ގޯހެއް. އެކަމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތަށް ރައީސް ފާހަގަކުރައްވީ އެމްޑީޕީ ސަރުކާރުގައި ދާހިލީ ވަޒީރުކަން ކުރައްވައި މިހާރު އދ. ގެ ރެޕެޓުއާގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. ޝަހީދު މީގެ ކުރިން ކުރެއްވި ޓްވީޓެކެވެ. ޝަހީދު ގޮވާލައްވާފައިވަނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން އަވައްޓެރި ގައުމެއްގެ ސްޕެޝަލް ފޯސް އައިސް ރާއްޖެ ހިފުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެފަދަ ކަންކަމަކީ ހަނދާނުން ފުހެލެވޭނެ ކަންކަމެއް ނޫން ކަމަށާއި އެފަދަ ހަދާންތައް ގެންނަން ޖެހޭ ކަމަށެވެ.

"މިހާރު ވެސް މިހިނގާ ބައެއް ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގެ ފުންނާބު އުސް ބޭބޭފުޅުން ބޭރުގެ ދައުލަތްތަކަށް ދައުވަތު ދެއްވުމަށް، ބޭރުގެ ސަފީރުންނަށް ދައުވަތު ދެއްވުމަށް، ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށް އެމީހުންގެ ނުފޫޒު ފޯރުވަން ދެއްވާ ދައުވަތަކީ މިދެންނެވި ގޮތަށް ދިވެހި ދައުލަތުގެ ހައްގެއް،"

އެ ހައްގަކީ އެއްވެސް ޕާޓީއަކަށް އެއްވެސް ފަރުދަކަށް އަދި އެއްވެސް ޖަމާއަތަކަށް ވެސް ލިބިގެންވާ ހައްގެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތުގެ ހައްގުތަކުގެ އިންފާރުގެ ތެރެއަށް ވަނުމަކީ އެއްވެސް ފަރުދަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކަން ނިންމަން ބޭރުގެ ފަރާތްތަކުން ބަސް ބުނަމުން ދާނަމަ އެކަމަކީ ދިވެހިންނަށް ބަލައިގަންނަށް ފަސޭހަ ކެމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމި، ދެން އުފެދުނު ރައީސް ޑރ. މުހައްމަދު ވަހީދުގެ ދޮޅު އަހަރުތެރޭގައި އެކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕާޓީ ބަދަލުކުރުމަކީ ދިވެހިންނަށް ހާއްސަކޮށް މައުސޫމް ރައްޔިތުންނަށް މާ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް ޕާޓީ ބަދަލުކުރަން މެދުވެރިވާ ފަދަ ސަބަބެއް ކުރިމަތިވެއްޖެނަމަ ޕާޓީ ބަދަލުކުރުމަކީ ގޯހެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ކަހަލަ މުގައްދަސް ގައުމީ ހައްގުތައް އޭގެ އިންފާރު ފޫއަޅުވާލާ ގޮތަށް ޖާގަ ދޭ ފިކުރުތަކާ މުއާމަލާތުކުރާ އިސް މީހުން ތިބޭ ޕާޓީތަކުގައި ބަޔަކަށް ތިބެވޭ ކަމުގައި ވަނީނަމަ އެ ޕާޓީ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ދައުލަތާއި ދިވެހިރާއްޖޭގެ މުގައްދަސު ކަން ދެމެހެއްޓުމަށްޓަކައި އޭނެގަ މައްޗަށް ކުރުން ލާޒިމް ކަމެއް،" އިދިކޮޅު އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ތުޅާދޫގެ ރައްޔިތުންނާ މުހާތަބްކޮށް ރައީސް ވިދާޅުވިއެވެ.