މަހެއްހާ ދުވަހަށް ފަހު، ސްރީލަންކާއިން އުފައްދާ ސައިފަތް އަނެއްކާވެސް ރަޝިއާއަށް އެތެރެކުރަން ފެށުމަށް ނިންމައިފިއެވެ.

ރަޝިއާއަށް ލަންކާ ސައިފަތް އެތެރެކުރުން ވަގުތީގޮތުން ހުއްޓާލީ މިމަހުގެ ކުރީކޮޅު ރަޝިއާއަށް އެތެރެކުރި ސައިފަތް ޝިޕްމެންޓަކުން ސޫތްޕެއް ފެނިގެންނެވެ.

ސްރީލަންކާގެ ދަނޑުވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު ނަވީން ޑިސާނަޔަކަ ވިދާޅުވީ، މިކަމާ ގުޅިގެން ލަންކާގެ ސައިފަތާ ބެހޭ ޓެކްނިކަލް ޓީމަކުން ރަޝިއާއަށް ގޮސް ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ޑިސާނަޔަކަ ވިދާޅުވީ ރަޝިއާއިން ވަނީ ސްރީލަންކާގެ ސައިފަތް އެކްސްޕޯޓަރުން އަމަލުކުރަން އާ މިންގަނޑުތަކެއް ކަނޑައަޅާފައި ކަމަށެވެ. މިކަންކަމަށް ސްރީލަންކާގެ ވަފުދުން އެއްބަސްވުމާއެކު، ރަޝިއާއިން ވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ލަންކާ ސައިފަތް އަނެއްކާވެސް އެތެރެކުރަން ފެށުމަށް ނިންމައިފައެވެ.

ރަޝިއާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް ސައިފަތް އިމްޕޯޓުކުރާ ގައުމެވެ. ސްރީލަންކާއިން މިއަހަރުގެ ޖެނުއަރީއިން އޯގަސްޓް މަހުގެ ނިޔަލަށް 114.2 މިލިޔަން ޑޮލަރުގެ ސައިފަތް ރަޝިއާއަށް އެކްސްޕޯޓު ކޮށްފައިވެއެވެ.

ސްރީލަންކާއަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު ސައިފަތް އުފެއްދުންތެރިޔާއެވެ. އެންމެ ކުރީގައި އުޅެނީ އިންޑިއާ، ޗައިނާ އަދި ކެންޔާއެވެ.