މެންޗެސްޓާ ސިޓީ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެންނަމުންނުދާ ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެ ޓީމު ވަނީ ޕްރިމިއާ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން 18 މެޗު ކާމިޔާބުކޮށް، 60 ލަނޑު ކާމިޔާބުކޮށްފައެވެ.

މިސީޒަނުގައި ސިޓީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެންނަމުންދާ އިރު، ވާދަވެރި ކްލަބުތަކުން ސިޓީ ބަލިކުރުމަށް ދަނީ އުނދަގޫތަކަކާ ކުރިމަލަމުންނެވެ. ގާޑިއޯލާ ގަބޫލުކުރާގޮތުގައި، ސިޓީގައި ވަރުގަދަ ސްކޮޑެއް އޮތުމުން ކުޅުންތެރިންނަށް ވަރުބަލިކަން އިހުސާސްވުމުގެ ފުރުސަތެއް ނޯންނާނެއެވެ.

"ސިޓީގެ ކުޅުންތެރިން ވަރުބަލިވެގެން އުޅޭނެ ކަމަށް އަހަރެން ގަބޫލެއްނުކުރަން. އަހަރެމެންގެ ސްކޮޑު ވަރަށް ވަރުގަދަ. ގެބްރިއަލް ޖީސަން ބޯންމައުތާ ދެކޮޅަކަށް ނުކުޅޭ. އޭނާ ކުރިން ލެސްޓާ ސިޓީ މެޗުގައި 120 މިނެޓް ހަމަކުރި. އޭނާއަކީ ޓީމުން ޖާގައެއް ހޯދުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިޔާ،" ސިޓީގެ ކޯޗު ބުންޏެވެ.

ގާޑިއޯލާ ބުނީ، ބޯންމައުތު އަތުން މޮޅެއް ހޯދުމަށް މަސައްކަތްކުރި ކުޅުންތެރިންގެ ތެރޭގައި ޑެނީލޯ، ބެނާޑޯ ސިލްވާ، އިލްކާއި ގުންޑޮގަން، ޔާޔާ ޓޫރޭ އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އޮލެކްސެންޑާ ޒިންޝެންކޯ ހިމެނޭ ކަމަށެވެ. އެހެންކަމުން ސިޓީގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް ހިމެނޭކަން އޭނާ ފާހަގަކުރިއެވެ.

"އަހަރެމެން މެޗުތަކުގައި އަބަދުވެސް ދާނީ ކުޅުންތެރިން ބަދަލުކުރަމުން. ކޮންމެ ހަތަރު ދުވަހަކަށްފަހު އަހަރެމެންނަށް މެޗެއް ކުޅެންޖެހޭނެ. ފާއިތުވެދިޔަ މެޗުތަކުގައި ކުޅުނު ކުޅުންތެރިންނަށް ކުރިއަށްއޮތް މެޗުތަކުގައިވެސް ފުރުސަތު ލިބެމުންދާނެ،" ގާޑިއޯލާ ބުންޏެވެ.