އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފަށް ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ނުކުތުން ލަސްވުމުގެ ސަބަބުން އޭޝިޔާ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން ރާއްޖެ 1500 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފަލަސްތީނުގައި ކުޅުނު މި މެޗުގެ ފަހު ހާފަށް ރާއްޖެ ނުކުތީ ދެ މިނިޓް ލަހުން ކަމަށާއި އެކަމާ ގުޅިގެން ރާއްޖެ 1500 ޑޮލަރުން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ވެސް ވަނީ އޭއެފްސީން ރާއްޖެ ޖޫރިމަނާ ކުރިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ފަލަސްތީނުގައި ކުޅުނު އެ މެޗުގައި ފަލަސްތީން އަތުން 8-1 އިން ރާއްޖެ ވަނީ ބަލިވެފަ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސެއިން ޖަވާޒް "ސަން" އަށް ވިދާޅުވީ އޭއެފްސީ އަދި ފީފާގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ރާއްޖެ ޖޫރިމަނާކުރިންކަން އެ އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށެވެ.

އޭއެފްސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށާއި މިފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ރާއްޖެ އަށް ނަސޭހަތްތެރިވާ ކަމަށެވެ.

މި އަހަރުގެ ތެރޭގައި އޭއެފްސީ ގަވާއިދާ ހިލާފުވެގެން ރާއްޖޭގެ ޖޫނިއާ ޓީމުތަކާއި ބައެއް ޖޫނިއާ ކުޅުންތެރިން އޭއެފްސީން ވަނީ ޖޫރިމަނާކޮށްފަ އެވެ.

މި އަހަރުގެ ތެރޭގައި އޭއެފްސީ ގަވާއިދާ ހިލާފުވެގެން ރާއްޖޭގެ ޖޫނިއާ ޓީމުތަކާއި ބައެއް ޖޫނިއާ ކުޅުންތެރިން އޭއެފްސީން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ އިތުރުން އޭއެފްސީން ވަނީ މިދިޔަ މަހު ރާއްޖޭގެ 16 އަހަރުން ދަށުގެ ކުޅުންތެރިއަކު ދެ މެޗަށް ސަސްޕެންޑްކޮށް، 300 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ. އޭނާ ޖޫރިމަނާ ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނިމުނު އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގައި، ތަޖިކިސްތާނުގެ ކުޅުންތެރިއެއްގެ ކަކުލުގައި ގަސްތުގައި ޖަހައި، ކުޅުންތެރިޔާ ކޮށްޕާލާފައިވާތީވެ އެވެ.