ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ކަންތައްތަކެއް ކޮށްދެއްވުމަށް ފަހު އެކަން ފާހަގަ ކުރެއްވުމަށް ކަމަށާއި އެމަނިކުފާނަކީ ހުސްވާހަކަތަކެއް ދެއްކެވުމަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާ ވެރިއެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއްޖެ އެވެ.

ބ. ތުޅާދޫގެ ބަނދަރު ހުޅުވުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ފާހަގަ ކުރެއްވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މީގެ ކުރިން ހުންނެވިވެރިއަކު ރައްޔިތުންގެ ގާތަށް ދަމުން ދިޔައީ އެއްވެސް ކަހަލަ ޕްލޭނެއް ނެތި އެއްވެސް ކަމެއް ނުރާވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވި ކަމަށެވެ.

ތުޅާދޫ ޖަލްސާގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ--- ފޮޓޯ: ހައުސިން މިނިސްޓްރީ/ޓްވިޓާ

ނަމަވެސް ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމަނާފައިވާ ހުރިހާ ކަމަކީ އެމަނިކުފާނު ރައްޔިތުންނަށް ޓަކައި ކޮށްދެއްވަން ބޭނުންފުޅުވެގެން ހިމަނުއްވާފައި ހުރި ކަންތައްތައް ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޔާމީން އަކީ ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގެންގުޅުއްވާ ވެރިއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތަރައްގީ އަކީ ރައްޔިތުން އެތައް ދުވަހެއް ވަންދެން ބޭނުންވެފައި އޮތް ކަންތައް. އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން ދިޔަ ވަރަށް ގިނަ ކަންތައް މި ސަރުކާރުވެ ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ރައީސް ޔާމީން ވަނީ ކޮށްދެއްވާފައި. މިއީ ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު އެމަނިކުފާނު ކޮށްދެއްވަމުން ގެންދަވާ ކަންތައް،" ހަމަހަމަކަމާ އެކު ރައްޔިތުންނަށް ބޭނުންވާކަންތަައް ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަކޮށްދެއްވާ ވެރިއަކީ ރައީސް ޔާމީނުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

ތުޅާދޫގައި ހެދި ބަނދަރަކީ 1210 ފޫޓު ދިގު 550 ފޫޓު ފުޅާ ބަނދަރެކެވެ. އެ މަޝްރޫއަށް 50.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ދައުލަތުން ވަނީ 75.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.