26 Dec 2017, 12:31
އދ. (ޑިސެމްބަރު 26): އދ.ގެ އަންނަ އަހަރާއި 2019 ވަނަ އަހަރުގެ ބަޖެޓު މިދިޔަ އަހަރުގެ ބަޖެޓަށް ވުރެ 285 މިލިއަން ޑޮލަރު ކުޑަކޮށްފި ކަމަށް އެމެރިކާގެ ސަފީރު ނިކީ ހޭލީ ވިދާޅުވެއްޖެ އެވެ.
އދ.ގެ ބަޖެޓު ކުޑަ ކުރިކަން އިއުލާން ކުރައްވަމުން ސަފީރު ހޭލީ ވަނީ އެއީ އެމެރިކާގެ "ދީލަތިކަމުގެ ފައިދާ ނެގުން" ހުއްޓުވުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ އދ.އިން މާގިނައިން ހަރަދު ކުރާ ކަމަށާއި ހަރަދު ކުރާ މިންވަރަށް ނަތީޖާ ނުފެންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އދ.ގެ ބަޖެޓަށް ކަނޑައަޅާ ފައިސާ ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ އެމެރިކާއިންނެވެ. އެގޮތުން ކޮންމެ އަހަރެއްގެ ބަޖެޓުގެ 22 ޕަސެންޓު ނުވަތަ ގާތްގަނޑަކަށް 3.3 ބިލިއަން ޑޮލަރު ފޯރުކޮށްދެނީ އެމެރިކާއިންނެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ހިމެނޭ 193 މެމްބަރު ގައުމުތަކުން އެޖަމްއިއްޔާގެ ބަޖެޓަށް ފޯރުކޮށްދޭ ފައިސާގެ މިންވަރު ކަނޑައަޅަނީ ގައުމުތަކުގެ އިގުތިސާދަށް ބަލައިފަ އެވެ.
ހޭލީ އެފަދައިން ވިދާޅުވެފައި ވަނީ، ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމާ ގުޅިގެން އެނިންމުން އަނބުރާ ގެންދިޔުމަށް އދ.ގެ ޖެނެރަލް އެސެމްބްލީން ފާސް ކުރި ފަހުންނެވެ. އެވޯޓުގެ ކުރިން އެމެރިކާ އިން ވަނީ އެގައުމާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް އެމެރިކާއިން ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ފޮކްސްނިއުސް)