ދުބާއީގެ ގައުމީ އެއާލައިން އެމިރޭޓްސް، ތޫނިސްގެ ވެރިރަށަށް ޖެއްސުން މަނާކޮށްފި އެވެ.

ތޫނިސް ސަރުކާރުން މީޑިއާގައި ބުނެފައި ވަނީ، އެގައުމަށް ނިސްބަތްވާ އަންހެނުން ދުބާއީ ނިސްބަތްވާ ޔޫއޭއީއަށް ދަތުރުކުރުމަށާއި، ޔޫއޭއީގައި ޓްރާންސިޓުކުރުމަށް ހުރަސްތަކެއް ކުރިމަތިކުރަމުން ގެންދާ ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ދުބާއީއަށް ދާ އެމިރޭޓްސްގެ ފްލައިޓުތަކަށް ތޫނިސްގެ އަންހެނުން ބޯޑުކުރުމަށް ވޭތުވެ ދިޔަ ދުވަސްތަކުގައި ވަނީ ހުރަސް އަޅައިފަ އެވެ.

ތޫނިސްގެ ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ، މި މައްސަލައާ ގުޅޭ ގޮތުން އެގައުމުގައި ހުންނަވާ ޔޫއޭއީ ސަފީރާ ސުވާލުކޮށްފަ އެވެ. ޔޫއޭއީ އިން ބުނީ އެފަދަ "ފިޔަވަޅެއް" ތޫނިސް ރައްޔިތުންނާ ދެކޮޅަށް އެޅީ ވަގުތީ ގޮތުން ކަމަށެވެ.

މި މައްސަލާގައި ތޫނިސް ސަރުކާރުން ނިންމީ، ތޫނިސްގެ ވެރިރަށަށް ދަތުރުކުރާ އެމިރޭޓްސްގެ ބޯޓުތައް ޖެއްސުން ވަގުތީގޮތުން މަނާ ކުރުމެވެ. ތޫނިސްގެ ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ބައިނަލްއަގުވާމީ ގާނޫނާއި އެއްބަސްވުންތަކާ އެއްގޮތަށް އެމިރޭޓްސްއަށް ފްލައިޓުތައް އޮޕަރޭޓު ނުކުރެވެނީސް، ތޫނިސްއަށް އެ އެއާލައިން ދަތުރުކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.

އެމިރޭޓްސް އިން ތޫނިސްގެ އަންހެނުންނަށް ދިމާވި ހުރަސްތަކާ ގުޅިގެން، ތޫނިސްގެ އިންސާނީ ހައްގުތަކާ ބެހޭ އެކިއެކި ޖަމާއަތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އޭއެފްޕީއިން ރިޕޯޓުކުރާ ގޮތުގައި، ޔޫއޭއީއަށް ދަތުރުކުރާ ބައެއް ތޫނިސް އަންހެނުން އިތުރު ވަގުތު މަޑުކުރަން ޖެހުމާއި، އެމީހުންގެ ވިސާ ދެވަނަ ފަހަރަށް މުރާޖާކުރަންޖެހުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުނެވެ.