26 Dec 2017, 11:32
އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނިކޮށް ސައިކަލް ދުއްވި މީހާ ފިލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނިގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށާއި އަނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދުވަސްވީ ފިރިހެނެކަށް ކަމަށެވެ.
ހުޅުމާލޭ ނިރޮޅު މަގުގެ 15 ނަމްބަރު ގޯޅީގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި މީހާ، އެ ސަރަހައްދުގައި ތިބި މީހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ އިރު ފުލުހުން ބުނީ ސައިކަލް ދުއްވަން އިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާސަންދައިން ހިންގާ ހުޅުމާލޭ ހޮސްޕިޓަލްގެ މީޑީއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ، މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގައިގެން ގެނައި ދުވަސްވީ މީހާގެ ކަނާތު ފަޔަށް އަދި ލޯ ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އާޝިޔާ ވިދާޅުވިއެވެ.