އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތްލެޓިކްސް އިވެންޓްގެ 100 މީޓަރު ދުވުމުގައި އިއްޔެ ރާއްޖޭގެ ސާއިދު އާއި އަޒްނީމް ދުވި ދެ ހީޓުން ވެސް ދެ އެތްލީޓުން ފައިނަލް ރައުންޑަށް ކޮލިފައިވުނުވެ ކަޓައިފި އެވެ.

ސަތޭކަ މީޓަރުގެ ފުރަތަމަ ހީޓްގައި ސާއިދުއަށް ރޭސް ނިންމާލެފައި ވަނީ 11.22 ސިކުންތުންނެވެ. އަދި ދެވަނަ ހިޓްގައި އަޒްނީމް އަށް ރޭސް ނިންމާލެވިފައި ވަނީ 11.17 ސިކުންތުންނެވެ.

މިއިވެންޓަށް ފަހު އެތްލެޓިކްސް ޓީމުގެ މެނޭޖަރު އަހުމަދު ޝަގީފު (ރިވަރިން) ބުނެފައި ވަނީ ސާއިދު އިވެންޓްގައި ފުރަތަމަ ގާތްގަނޑަކަށް 60 މީޓަރު ދުވި ފަހުން ޓެކްނިކަލް މައްސަލައަކާ ހުރެ އިވެންޓް ކެންސަލް ކުރުމަށް ފަހު އަލުން ދުވަން ޖެހުމުން ވަރުބަލިކަން އިހްސާސް ކުރެވުނު ކަމަށެވެ. އަދި އަޒްނީމްއަށް އެހާ ލަހުން ނިންމާލެވުނީ އޭނާގެ ފެށުން ސްލޯވުމުގެ ސަބަބުން ކަމަށެވެ.

"ފުރަތަމަ ސާއިދު ގާތްގަނޑަކަށް 60 މީޓަރު ދުވި ފަހުން ކެންސަލް ކުރީ އެހެންކަމުން އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި. އަދި އަޒްނީމްއަށް އެހާ ލަހުން ނިންމުނީ އޭނާގެ ފެށުން ސްލޯވުމުގެ ސަބަބުން. މިއީ ޕްރެކްޓިސްގައި ދެއެތްލީޓުން ދުވާވަރަށް ވުރެ ދަށް ސްޕީޑެއް." ރިވަރިން ބުންޏެވެ.