26 Dec 2017, 10:07
މިއަދު ފާހަގަ ކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ހާއްސަ އަތުގުޅާލުމެއް ބާއްވައިފި އެވެ.
މި އަތުގުޅާލުން ކުރިއަށް ގެންގޮސްފައި ވަނީ ސަރުކާރުގެ ގިނަ މުވައްސަސާތަކެއް ހިމެނޭ ވެލާނާގޭ ސަރަހައްދުގަ އެވެ. އަތުގުޅާލުމުގައި ނައިބު ރައީސް އަބްދުﷲ ޖިހާދު ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން މި އަތުގުޅާލުމުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރު މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އަތުގުޅާލުން --- ފޮޓޯ: ޓުވިޓާ
މިއަދު ބޭއްވި މި ހަރަކާތުގައި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެނެސްފައިވެ އެވެ. މީގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވެސް ކޮށްފައިވެ އެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ މީގެ 13 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ފާހަގަކުރުމުގެ ގޮތުންނެވެ. މި ދުވަސް ފާހަގަ ކުރުމަށް ނިންމީ 2005 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.
ސުނާމީ ކާރިސާގައި ރާއްޖެ އިން 82 މީހުން މަރުވެ 26 މީހަކު ވަނީ ގެއްލިފަ އެވެ. އެ ކާރިސާގައި ގެދޮރު ގެއްލުނު މީހުންގެ އަދަދު 15000 އަށް އަރަ އެވެ.