އޮޓަވާ (ޑިސެމްބަރު 26): ވެނެޒުއޭލާއިން ކެނެޑާއަށް އައްޔަންކޮށްފައި ހުންނަވާ ސަފީރު ވިލްމާ ބެރިއެންޓޯސް ފާނެންޑޭޒް އެ ގައުމުން ބޭރުކުރަން ނިންމާފައިވާ ކަމަށް ކެނެޑާ އިން ބުނެފި އެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރު ކްރިސްޓިއާ ފްރީލޭންޑް ވިދާޅުވި ގޮތުގައި ވެނެޒުއޭލާގެ ސަފީރު ގައުމުން ބޭރު ކުރަން ނިންމީ އެގައުމުން މިދިޔަ ހޮނިހިރު ދުވަހު ކެނެޑާގެ ސަފީރު ބޭރު ކުރުމުންނެވެ. އަދި ސަފީރު ފާނެންޑޭޒް މިހާރު ހުންނެވީ ގައުމުން ބޭރުގައި ކަމަށާއި އޭނާ އަށް ދެން ކެނެޑާއަށް ނުވަދެވޭނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ކެނެޑާ އިން ވަނީ ވެނެޒުއޭލާގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ އެގައުމުގެ އިސް އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަައިފަ އެވެ. އޭގެ ސަބަބުން ވެނެޒުއޭލާއިން ވަނީ ކެނެޑާއިން އެ ގައުމުގެ ދާހިލީ ކަންތައްތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބުނެ، ކެނެޑާގެ ސަފީރު ގައުމުން ބޭރުކޮށްފަ އެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު އެ ގައުމުގެ އިގްތިސާދަށް ވެސް އަންނަނީ ނުރަނގަޅު އަސަރުތައް ކުރަމުންނެވެ. އެގޮތުން އިންފްލޭޝަންރޭޓް ވެސް މައްޗަށް ގޮސް ތަކެތީގެ އަގު ވަނީ ބޮޑުވެފަ އެވެ. ކޮންމެހެން ބޭނުންވާ ޒަރޫރީ ބާވަތްތައް ގަންނަން ނުލިބުމުގެ މައްސަލަ ވެސް އެ ގައުމަށް ވަނީ ކުރިމަތިވެފަ އެވެ. އޭގެ ސަބަބުން އެ ގައުމުގައި ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކުގައި 120 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. (ބީބީސީ)