26 Dec 2017, 10:48
ޝާހުރުކް ޚާން ލީޑް ރޯލުން ފެނިގެންދާ ބޮލީވުޑްގެ ފްރެންޗައިޒް ފިލްމް ސީރީޒް "ޑޮން"ގެ ތިންވަނަ ބައިގެ ޝޫޓިންގ އަންނަ އަހަރު ފެށިގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނެފި އެވެ.
"ޑޮން 2" ރިލީޒްކުރިތާ ހަ އަހަރު ފަހުން މީގެ ބައެއް ފެނިގެންދާއިރު މިހާރު ކުރިއަށް ދަނީ ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ޝޫޓިންގެ މަސައްކަތް ފެށިގެންދާނެކަމަށް ރިތޭޝް ބުންޏެވެ.
" ޔަގީނުންވެސް ކުރީ ދެ ބަޔަށްވުރެ މި ބައި ވަރުގަދަވާނެ. އެހެންވެ މާގިނަ ދުވަސް ވީ. ފިލްމް ކާމިޔާބު ކުރުމަށް. މި ބައި މާ ސަޅިވެސް ވާނެ. ފިލްމްގެ ހަތަރު ވަނަ ބައެއްވެސް އުފައްދާނަން. އެކަމަކު މިހާ ގިނަ ދުވަހެއް ނުނަގާނެ،" އޭނާ ބުންޏެވެ.
އެކްސްއެލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ 'ޑޮން'ގެ ފުރަތަމަ ފިލްމު ނުކުތީ 1978 ވަނަ އަހަރު އެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ އަމީތާބު ބައްޗަން އެވެ. އެއަށް ފަހު 2006 ވަނަ އަހަރު 'ޑޮން: ދަ ޗޭސް ބިގިންސް' ރިލީޒް ކުރި އެވެ. 'ޑޮން 2' ރިލީޒް ކުރީ 2011 ވަނަ އަހަރު އެވެ.
ފަރްހާން އަޚްތަރު ޑައިރެކްޓު ކުރާ އެ ފިލްމު ސީރީޒަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.