11 Aug 2011, 09:27
ލަންޑަން (އޮގަސްޓް 11) : އިނގިރޭސިވިލާތުގެ ވައިގެ ސިފައިންގެ ޓްރޭނިންގ ކޮލެޖްގެ އެންމެ އިސް ޕައިލެޓް އަދި އެކޮލެޖްގެ ޑީން ޖުއެލް ހައިވާޑް އިސްލާމް ދީން ޤަބޫލުކުރައްވައި މުސްލިމަކަށް ވެވަޑައިގެންފި އެވެ.
ލަންޑަންގައި ނުކުންނަ ޑެއިލީ ސްޓާ ނޫސް ބުނާ ގޮތުން އުމުރުން 47 އަހަރުގެ ހައިވާޑްވަނީ އިސްލާމްދީން ޤަބޫލުކުރެއްވިކަން ފާޅުގައި ހާމަކުރައްވައި ނޭޓޯ އިން ލީބިޔާ އަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ކުށްވެރިކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އިނގިރޭސިވިލާތުގެ ވައިގެ ސިފައިންގެ ޓްރޭނިން ކޮލެޖަކީ އިނގިރޭސި ވައިގެ ސިފައިންނަށް ބޭނުންވާ މިލިޓްރީ ޕައިލެޓުން ތަމްރީން ކުރާ އޭވިއޭޝަން ކޮލެޖެވެ. މިކޮލެޖްގައި އިނގިރޭސި ރާނީގެ މާމަ ދަރިކަލުން ޕްރިންސް ވިލިޔަމްއަށް ޕައިލެޓްކަން ދަސްކޮށްދެއްވި އިސް ޕައިލެޓަކީ ވެސް ޖުއެލް ހައިވާޑް ކަމަށް އެނޫސް ބުނެ އެވެ.
ހައިވާޑް އިސްލާމް ވުމުން އޭނާގެ އެކުވެރިން ސަމާސާއަކަށް އޭނާއާ މުޚާތަބު ކުރަނީ އިިނގިރޭސި އާޔަތުﷲ ކަމަށާއި މިއީ އީރާނުގެ ދީނީ ޒަޢީމް އާޔަތުﷲ ޚުމައިނީ އަށް ނިސްބަތްކޮށް އޭނާއަށް ކިޔަންފެށި ނަމެކެވެ. ޖުއެލް ހައިވާޑް އިސްލާމް ދީން ޤަބޫލުކުރައްވައި ނޭޓޯ އިން ލީބިޔާ އަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރެއްވުމުން އިނގިރޭސި ރޮޔަލް އެއަފޯސް ނުވަތަ އިނގިރޭސި ވައިގެ ސިފައިންގެ އިސް އޮފްސަރުންނަށް ޝޮކެއް ލިބިވަޑައިގެންނެވި އެވެ.
އަދި ހައިވާޑް އޭނާގެ ހުސްވަގުތުތައް އިސްލާމްދީން ދަސްކުރުމަށާއި އިސްލާމްދީނާ ބެހޭ މަޢްލޫމާތު ހޯއްދެވުމަށް ބޭނުންކުރައްވާތީ ވެސް އިނގިރޭސި ވައިގެ ސިފައިންގެ އިސް އޮފްސަރުން ކަންބޮޑުވެ ހިތްނުތަނަވަސް ވެފައިވާ ކަމަށް ޑެއިލީ ސްޓާރ ނޫސް ބުނެ އެވެ. (އަލްޖަޒީރާ)