ބ. ކެންދޫގައި ހުރި ބެނާތަކެއް ކޯޓު އަމުރެއްގެ ދަށުން އާދިއްތަ ދުވަހު ނަގާފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ކެންދުއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާދިއްތަ ދުވަހު ކުރެއްވި ދަތުރުފުޅާ ގުޅިގެން އެރަށުގައި އިދިކޮޅު ފަރާތްތަކުން ދަމާފައިވާ ބެނާތަކެއް ނެގި މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.

އެކަމާ ގުޅިގެން "ސަން" ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން ބެނާ ތަކެއް މިއަދު ކެންދޫ އިން ނެގި މައްސަލައިގެ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.

ކެންދޫއިން ވާހަކަ ދެއްކި މީހަކު ބުނީ އާންމު އިޖުތިމާއި މިންގަނޑާއި ޚިލާފަށް ކެންދޫގެ އެކި ސަރަހައްދުތަކުގައި ދަމާފައިހުރި ކަމަށް ބުނާ ބެނާތަކެއް ފުލުހުން ނެގި މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި އެކަން ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ކޯޓް އަމުރު އަޅުގަނޑު ދެކުނިން. އޭގައި އޮތީ ރައީސްގެ ދަތުރުފުޅާ ދިމާކޮށް، އެކި ތަންތަނަށް އެއްވެ، މަސްލަހަތު ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް. ދެން އޭގަ އޮތީ އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފު ބަސް ބޭނުން ކޮށްފައިވާ ބެނާތައް ނެގުމަށް އަމުރުކޮށްފައި. އެއީ އޭދަފުށީ ކޯޓުން ނެރުނު އަމުރެއް،" ކެންދޫއިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

ކެންދުއަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެރަށުގައި ހުރި އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފު ބަސް ބޭނުން ކޮށްފައިވާ ބެނާތައް ނަގާފައިވާއިރު މީގެ ކުރިން ވަނީ ރ. މަޑުއްވަރީއަށް ރައީސް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެ ރަށުގައި ދަމާފައި ހުރި ގާނޫނާ ޚިލާފު ކަމަށް ބުނާ ބެނާތަކެއް ނަގާފައެވެ.