26 Dec 2017, 00:11
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ވާދަ ކުރަން އިދިކޮޅު ސިޔާސީ އެއްވެސް ލީޑަރަކު ކުފޫހަމަނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ނިހާންގެ ވާހަކަފުޅު އަމާޒު ކުރެއްވީ ޅ. ހިންނަވަރުގައި ވާހަފުޅު ދައްކަވަމުން ވޯޓުލާ މީހުންނަށް ރައީސް ދޫކޮށްލެވި ތިން ފޯމިއުލާ އަށެވެ. އެގޮތުން ރައީސްގެ ފުރަތަމަ ފޯމިއުލާއެއްގެ ގޮތުގައި ފާހަގަކުރެއްވީ އިސްލާމްދީން ގައުމުގައި ދަމަހައްޓާ ލީޑަރެއް ހޮވާނަމަ ހޮވަން ޖެހޭނީ ރައީސް ޔާމީން ކަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑަށް ސާބިތުކަމާ އެކު ދަންނަވަން ކެރޭ މީން ކޮންމެ ގްރައުންޑެއްގައި. އެމަނިކުފާނާ މިއަދު ވާދަކުރައްވަން ނުކުމެވަޑައިގެން ތިއްބެވި އެއްވެސް ބޭފުޅަކަށް ފައިހަމަ ނުކުރެވޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ނިހާން ވިދާޅުވި އެވެ.
އިގްތިސާދީ ބޮޑެތި ގައުމުތަކުން ވެތުވެދިޔަ ހަތަރު އަހަރު ތެރޭގައި ރާއްޖެއަށް ބޮޑެތި އެހީތައް ވެދެއްވާކަން ފާހަގަކޮށް ނިހާން ވަނީ ރައީސް ޔާމީނުގެ ހިންގުތެރި ކަމަށް ތައުރީފް ކުރައްވާފަ އެވެ.
ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައި ނިހާން ވިދާޅުވީ 2018 ވަނަ އަހަރަށް ޒުވާނުން "ކަޑަ ބޮއް ޖަހާފައި" ރައީސް ޔާމީން ހޮވާނެ ކަމާ މެދު ޝައްކެއް ނުކުރާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވަގުތު ޖެހޭއިރުވެސް އިދިކޮޅު ފަރާތްކަށް ކެންޑިޑޭޓަކުވެސް ނުދެއްކޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެންޑިޑޭޓަކު ދެއްކުނު ނަމަވެސް އެކަން އޮންނާނީ ވަކި މުއްދަތަކާ ހަމައަށެވެ.
"ލޭންދޭނަށް ކުރިންސުރެ އެގްރިމެންޓް ކޮށްގެން މަށަށް އެވަރު އަނެކަކަށް އެވަރު ކިޔައި އެގްރިމެންޓްކޮށްގެން ދިވެހި ރައްޔިތުންނަކަށް ފައިދާއެއް ނުކުރާނެ،" ނިހާން ވިދާޅުވި އެވެ.
ރާއްޖެ ދަރާފައި ވަނިކޮށް އިނދަޖެހިފައި އޮތް އިގްތިސާދު މިސާލެއްގެ ގޮތުން ކްލާސް ރޫމުތަކުގައި ކިޔަވައި ދިނުމަށް ޓެކްސްޓް ފޮތެއްގައި ހިމަނާހާ މޮޅު ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ.