ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލަތީފަށް ފ. ނިލަންދޫގައި ދީނީ ދަރުސް ދިނުން މަނާ ނުކުރާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ނިލަންދޫގައި ދީނީ ދަރުސް ދިނުން ބާރުގަދަ ބަޔަކު މަނާ ކުރި ކަމަށް ބުނެ ޑރ. އިޔާޒުގެ ފޭސްބުކް ޕޭޖްގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލިޔެފަ އެވެ.

އެ ޕޯސްޓާ ގުޅިގެން ނިލަންދޫ ކައުންސިލުގެ ނާއިބު ރައީސް އަލީ މުހައްމަދު ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރަށުގައި ދީނީ ދަރުސް ދިނުން ޑރ. އިޔާޒަށް މަނާ ނުކުރާ ކަމަށެވެ.

އަދި ކައުންސިލުން އެދުނީ ރަށުގައި ހިތާނު ކުރުމާއި ކައިވެނި ޕާޓީތައް މިދުވަސްވަރު ކުރިއަށްދާތީ ތަރުހީބު ނުލިބިދާނެ ކަމަށް ބަލައި މިވަގުތަށް ފަސް ކުރުމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ދީނީ އިލްމުވެރިން މިފަދަ އިތުރުފުޅު ހައްދަވާފައިވާތީ އެކަމާ ލަދުވެތިވެ އެކަން ކުށްވެރިކުރަން،" ނިލަންދޫ ކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނާ ގުޅިގެން ޑރ. އިޔާޒުގެ ފޭސްބުކްގައި ވެސް ވަނީ ޕޯސްޓެއް ކޮށްފަ އެވެ. ޑރ. އިޔާޒު ވިދާޅުވީ އޭނާ ނިލަންދުއަށް ދިޔައީ އާއިލާ ގޮވައިގެން ޗުއްޓީއަށް ކަމަށެވެ.

އަދި ދަރުސް ދިނުމަށް ހުށަހެޅީ އަމިއްލަޔަށް ނޫން ކަމަށާއި ކައުންސިލުން ހުށަހެޅި ހުށަހެޅުމަކަށް އާ ބަސް ބުނީ ކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވި އެވެ.

ނަމަވެސް ދަރުސް ބާއްވަން އޮތް ދުވަހު އެއްވެސް ހަބަރެއް ނުވުމުން ނުބޭއްވުނީ ކަމަށް އިޔާޒު ވިދާޅުވި އެވެ.