އިސްލާމް އާބާދު (އޮގަސްޓް 11) : އެމެރިކާއިން ޕާކިސްތާނަށް އިއްޔެ ދިން ވައިގެ ޙަމަލާތަކެއްގައި ޕާކިސްތާނުގެ 21 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ޕާކިސްތާނުގެ އަމްނާބެހޭ ދާއިރާތަކުން ބުނިގޮތުގައި މިޙަމަލާ ދީފައިވަނީ ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކުން ކަމަށާ މިޙަމަލާ އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ވަޒީރުސްތާނުގެ މިރާން ޝާހްގެ ކައިރީގައިވާ އާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތަކަށާއި އެޢިމާރާތުގެ ކައިރީގައިއޮތް ކާރަކަށް ކަމުގައެވެ.

ޕާކިސްތާނުގެ ޖާސޫސީ ފަރާތްތަކުން ބުނިގޮތުގައި އެމެރިކާގެ މިހަމަލާގައި މަރުވީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޙައްޤާނީ ނެޓްވާކަށް ނިސްބަތްވާ ބައެކެވެ. މިއީ ޕާކިސްތާނަށް އެމެރިކާ ދެމުން ގެންދާ ވައިގެ ޙަމަލާތަކުގެ ތެރޭން މިފަހަކަށް އައިސް ދިން އެންމެވަރުގަދަ އަދި އެންމެ ލޭއޮހޮރުވުން ބޮޑު އެއްޙަމަލާ ކަމަށް ޕާކިސްތާނުގެ ޖާސޫސީ މަސްއޫލުވެރިން ވިދާޅުވި އެވެ.

ޙައްޤާނީ ނެޓްވާކުގެ ހަނގުރާމަވެރިންނަކީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމެރިކާ ސިފައިންނާ ދެކޮޅަށް ޙަމަލާތައް ދެމުންގެންދާ ޖަމާޢަތެއް ކަމަށް އެމެރިކާ ތުހުމަތު ކުރެއެވެ. އެމެރިކާއިން ޕާކިސްތާނަށް ދޭ ވައިގެ ޙަމަލާތަކުގައި ގިނައިން މަރުވަމުންދަނީ ޕާކިސްތާނުގެ ކުށެއްނެތް ޢާންމުންނެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުވެސް އެމެރިކާގެ ވައިގެ ޙަމަލާތަކުގައި ޕާކިސްތާނުގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރުވެފައިވަ ކަމަށް ޕާކިސްތާނުން ބުނެއެވެ. (އަލްޖަޒީރާ)