ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ތައިލެންޑުގައި ކޭމްޕުކުރުމަށް ނިންމައިފިއެވެ.

ނިއުއިން ތައިލެންޑުގައި ކޭމްޕުކުރުމަށް ނިންމާފައިވަނީ އަންނަ ސީޒަނުގެ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ނިއުއިން ބުނީ، އެ ކްލަބު ތައިލެންޑުގައި ކޭމްޕުކުރުމަށް ތާވަލުކޮށްފައިވަނީ މިފެށޭ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށާއި ތައިލެންޑުގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭއެފްސީ ކަޕްގައި ނިއު ލައްވާލާފައިވަނީ އިންޑިއާގެ އައި ލީގު ޗެމްޕިއަން އައިޒޯލްއާއި ބަނގުލަދޭޝްގެ ޗެމްޕިއަނުން އަދި ދެކުނު އޭޝިއާގެ ޕްލޭ އޯފްއިން އަންނަ ޓީމަކާއެކު 'ގްރޫޕް އީ' ގައެވެ. ޕްލޭ އޯފްއިން އަންނަ ޓީމުގެ ގޮތުގައި އެ ގްރޫޕުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ވެސް އޮންނާނެއެވެ.

މިސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނިއުއިން އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ނުކުންނަން ޖެހޭނީ ބަނގުލަދޭޝްގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ. މާޗް މަހުގެ ހަވަނަ ދުވަހު ކުޅޭ އެ މެޗަކީ ނިއުގެ އަވޭ މެޗެކެވެ.

މިސީޒަނުގައި އެންމެ ކާމިޔާބު ކްލަބަކީ ނިއުއެވެ. ނިއުއިން ވަނީ މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްވެސް ކާމިޔާބުކޮށްފައެވެ. އެ ކްލަބަށް ކާމިޔާބުނުކުރެވުނު ހަމައެކަނި މުބާރާތަކީ މާލޭ ލީގެވެ.