ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިން، އުފެއްދުންތެރި އަދި ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ސަރުކާރުން އެކުލަވާލާފައިވާ "ދެވަނަ ފުރުސަތު" ޕްރޮގްރާމްގެ ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އޮފީހެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، "ދެވަނަ ފުރުސަތު ޕްރޮގްރާމް އޮފީސް" ނަމުގައި ރައީސް އެ އޮފީސް އުފެއްދެވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސް ނަޝީދަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.

އެ އޮފީސް ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްގެ ދަށުން ކަމަށް ރައީސް ނަޝީދު ވަނީ ހަމަޖައްސަވައިފަ އެވެ.

އެ އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދެވަނަ ފުރުޞަތު ޕްރޮގްރާމުގެ ދަށުން ފުރުސަތުދެވޭ މީހުން، ނޭޝަނަލް ސަރވިސް ޕްރޮގްރާމްގައާއި، ސަރުކާރުން ހިންގާ މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމުގެ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުމާއި، އެފަރާތްތައް އެ ޕްރޮގްރާމްތަކުގައި ބައިވެރިވަމުން ދޭތޯ ބަލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން ހިމެނެ އެވެ.

އަދި މިނިވަންކުރާ ގައިދީންގެ ހުނަރުތައް ވަޒަންކޮށް، އެ ހުނަރުތައް ބޭނުންވާ ސަރުކާރުގެ މަޝްރޫއުތަކުގައާއި، ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު އެފަދަ މީހުންނަށް ހޯދައި ދިނުމުގެ މަސައްކަތްކުރާނީ ވެސް އެ އޮފީހުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އެތަންތަނުގައި އެ މީހުން މަސައްކަތްކުރަމުންދާގޮތް ބަލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަމުން ވެސް ދާނެ އެވެ.

މީގެ އިތުރުން ފުރުސަތު ދޭ މީހުން މުޖުތަމައަށް އަހުލުވެރިކޮށްދިނުމަށާއި، ދިރިއުޅުމުގެ ހުނަރުތަކާއި، ދީނުގެ އަސާސްތައް ދަސްކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ވެސް އެ އޮފީހާ އެވެ.

ދެވަނަ ފުރުސަތު ޕްރޮގްރާމުގެ ދަށުން، މިނިވަންކުރާ ގައިދީންގެ ތެރެއިން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ފަރުވާ ބޭނުންވާ މީހުންނަށް އެ ފަރުވާ ދިނުމުގެ ކަންތައްތައް ރީހެބިލިޓޭޝަން ސަރވިސަސްއާ ގުޅިގެން ކުރިއަށް ގެންދިއުންވެސް މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

"މީގެ ތެރޭގައި، މިފަދަ މީހުންނަށް ބޭނުންވާ ފަރުވާ ދެނެގަތުމާއި، ފަރުވާ ދޭނެ ގޮތުގެ ތާވަލު އެކުލަވާލުމާއި، އެ ތާވަލާ އެއްގޮތަށް ފަރުވާ ހޯދަމުން ދޭތޯ ބަލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން ހިމެނެއެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

އަދި ޕްރޮގްރާމުގެ ދަށުން ފުރުޞަތުދޭ މީހުންގެ ކަންކަން ކޮމިއުނިޓީ ލެވެލްގައި ބަލައި، އެމީހުންނަށް ލަފައާއި އިރުޝާދު ދިނުމަށްޓަކައި، "މެންޓޯރ"އެއް ނުވަތަ ލަފާދޭ މީހަކު އައްޔަންކުރުމަށް ވެސް އެ އޮފީހާ ވަނީ ހަވާލުކޮށްފަ އެވެ.

އެމެންޓޯރއިންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، މިނިވަންކުރާ ގައިދީންގެ އުޅުން ހުންނަ ގޮތް ބަލައި ރިޕޯޓްކުރާނެ އުސޫލުތަކާއި ތާވަލުތައް ކަނޑައެޅުމާއި، އެ އުސޫލުތަކާއި ތާވަލުތަކާ އެއްގޮތަށް މައުލޫމާތު ހޯދައި، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ފުރުސަތު ދެވޭ މީހުންނަށް ޕްރޮގްރާމްތައް ރާވައި ހިންގުމަކީ ވެސް ރައީސް މިއަދު އުފެއްދެވި އޮފީހުގެ މަސްއޫލިއްޔަތެއް ކަމުގައި ރައީސް އޮފީހުން ބުނެ އެވެ.

އަދި އެއޮފީހުން ދެވަނަ ފުރުޞަތުދެވޭ ގައިދީން ޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ،

މީގެ އިތުރުން ފުރުޞަތުދެވޭ ގައިދީން ސަރުކާރުން ކަނޑައަޅާ ޝަރުއުތަކާ އެއްގޮތަށް، ސަރުކާރުން ކަނޑައަޅާ މުއްދަތުގައި އަމަލުކުރޭތޯ ބަލައި، ޝަރުތުތަކާ އެއްގޮތަށް، އެ މުއްދަތު ފުރިހަމަކުރާ މީހުންނަށް މައާފުދިނުމުގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް އެއޮފީހާ ހަވާލުކޮށްފައިވެ އެވެ.

އަދި ޝަރުޠުތަކާ އެއްގޮތަށް އެ މުއްދަތުގެ ތެރޭގައި ޢަމަލުނުކުރާ މީހުން، "ދެވަނަ ފުރުޞަތު" ޕްރޮގްރާމުން ވަކިކޮށް، އެމީހަކަށް ތަންފީޒުކުރެވެމުން ދިޔަ ހުކުމަށް އެމީހަކު ރުޖޫއަކުރުމުގެ ކަންތައްތައް ކުރުމުގެ ބާރުވެސް އެ އޮފީހަށް ދީފައިވެ އެވެ.