26 Dec 2017, 00:04
ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވެސް މަޝްހޫރު އެތައް ކާޓޫން ކެރެކްޓާއެއް ވުޖޫދަށް ގެނައި މަޝްހޫރު އެނިމޭޓަރު ބޮބް ގިވެންސް މަރުވެއްޖެ އެވެ. މަރުވި އިރު އުމުރަކީ 99 އަހަރެވެ.
އެނިމޭޓަރެއްގެ ކެރިއަރުގައި 60 އަށްވުރެ ގިނަ އަހަރު ހޭދަ ކޮށްފައިވާ ގިވެންސް އަކީ ޑިޒްނީ، ވޯނާ ބްރޯސް އަދި ހަނާ ބާބެރާ ފަދަ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގައި އެނިމޭޓަރެއްގެ ވަޒީފާގައި އަދާ ކޮށްފައިވާ މީހެކެވެ.
އޭނާ އެންމެ މަޝްހޫރު ވެގެންދިޔައީ ކެރެޓްކާން ޝައުގުވެރިކަން ހުންނަ ވާހަކަދައްކާ މުސަޅު، ބަގްސް ބަނީ ރީޑިޒައިން ކުރި މީހާގެ ގޮތުގައެވެ. އަދި އޭނާ ކުރެހި ކާޓޫން ކެރެކްޓާތަކުގެ ތެރޭގައި ޓޮމް އެންޑް ޖެރީ، ޑެފީ ޑަކް، އެލްވިން އެންޑް ދި ޗިޕްމަންކްސް އަދި ޕޮޕޯއީ ހިމެނެ އެވެ.
ގިވެންސް މަރުވެފައިވާ ކަމަށް އޭނާގެ އަންހެން ދަރިފުޅު މަރިއާނާ ގިވެންސް ޔަގީން ކޮށްދީފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް މީޑިއާ ތަކަށް އެ މައުލޫމާތު ލިބުނީ ވަރަށް ފަހުންނެވެ.
ގިވެންސް އެންމެ ފުރަތަމަ އަދާ ކުރި ރޯލަކީ، 1937 ވަނަ އަހަރު، ޑިޒްނީގެ ކާޓޫން ކެރެކްޓާއެއް ކަމަށްވާ ޑޮނަލްޑް ޑަކް އަދި ސްނޯ ވައިޓް ކާޓޫންތަކުގަ އެވެ.
އަދި އޭގެ ތިން އަހަރު ފަހުން ވޯނާ ބްރޯސް އަށް ބަދަލުވެ ބަގްސް ބަނީގެ ކެރެކްޓާއިން އޭނާ މަޝްހޫރުކަން ހޯދިއެވެ.
އެނިމޭޝަން އިންޑަސްޓްރީއާ ގިވެންސް ގުޅުމުގެ ކުރިން އޭނާ އަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގައި ހިދުމަތްކުރި ސިފައިންގެ މީހެކެވެ.