ގާނޫނު އަކުރުން އަކުރަށް ތަންފީޒުކުރާ ސަރުކާރެއް މި ސަރުކާރު ނޫނީ ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު އޭދަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަނިޔާވެރިކަމުގެ ވާހަކަ އެމަނިކުފާނަށް ރައްދުކޮށް ދައްކާއިރު ހެއްކެއް ދެއްކެން ނެތް ކަމަށެވެ.

ރައީސް ޔާމީނަކީ އަނިޔާވެރި ވެރިއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް ޔާމީން ރައްދު ދެއްވިއެވެ. ވިދާޅުވީ މިސަރުކާރުން ގާނޫނީ އިމުގެ ބޭރުން އެންމެ މީހަކުވެސް ހިފާ ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ.

"މި ސަރުކާރަށްވުރެ ބޮޑަށް ގާނޫނު ތަންފީޒުކުރާ ގާނޫނު އަކުރުން އަކުރަށް ތަންފީޒުކުރާ ސަރުކާރެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އޮފީހުން އަންގައިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޯޓުތަކުން މީހުންނަށް ކުރާ ހުކުމާމެދު ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

"ކޯޓަކުން ނިންމާ މައްސަލައެއް ނިންމެވީ އިންސާފުންތޯ ބޭއިންސާފުންތޯ އޭގެ ޖަޖަކީ އަޅުގަނޑެއް ނޫން. އެކަން ނިމިފަ އޮތް ގޮތް ފައިސަލާކުރުމުގެ ގާބިލުކަމެއް އަޅުގަނޑުގެ ނެތް. އަދި ކީއްތޯ؟ އަމުދުން އެކަމުގެ ޝައުގުވެރިކަމެއްވެސް އަޅުގަނޑުގެ ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކަން ހައްލުކުރަން ނުވަތަ ހުރި މައްސަލަތައް ހޯދާ ދެނެގަތުމަށް ކަރަކަރައިން މީހުން ގެނެސްގެން މަޝްވަރާކުރަން ނުޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭގައި މީހުން ވަޅުލާނެ ސަހަރާއެއް ނެތްތޯ ދެނެގަންނަން އަޅުގަނޑު ނުޖެހޭ ޔޫރަޕުން ކޮންސަލްޓެންޓެއް ހޯދާކަށް. ރާއްޖޭގެ ޒުވާނުންނަށް ބޯހިޔާވަހިކަން ނެތްކަން ދެނެގަތުމަށްޓަކައި އަޅުގަނޑު ނުޖެހޭ މަޝްވަރާކުރަން ސައުތު އެފްރިކާއިން ކޮންސަލްޓެންޓެއް ގެންނާކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަށްވުރެ ގިނައިން މަޝްވަރާކުރި ސަރުކާރެއް ނޯންނާނެ ކަމަށެވެ. އެގޮތުން ކެބިނެޓްގެ މަޝްވަރާތައް އެކި ދާއިރާތަކަށް ބަހާލައިގެން ހަފްތާގެ ކޮންމެ ދުވަހަކު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކަންކަމާ ގުޅިގެން މަޝްވަރާކޮށް މަޖިލިސް މެމްބަރުންނާ ގާތް ގުޅުމެއް ބެހެއްޓި ލީޑަރެއް އެމަނިކުފާނު ނޫނީ ހުންނާނެކަމާމެދު ޝައްކު ކަމަށް ވިދާޅުވިއެވެ.

"މަޝްވަރާކުރަން ބޭނުންވަންޏާ ރައްޔިތުންނަށް ބޭނުންވާ އުސޫލީ ހުރިހާ ކަމެއްގައި މަޝްވަރާކޮށްފައި ހުންނާނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ކަމެއް ނުވާ ވާހަކައެއް ދައްކާ އަޑު ނީވޭ ކަމަށެވެ. ހައްތާވެސް އަޑު އިވެނީ ގެންނަ ތަރައްގީ ނުފެންނަ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހައްތާވެސް މި ވިދާޅުވަނީ މިގެންނަ ތަރައްގީ ނުފެންނަ ވާހަކަ. އެހެންވީމަ ކަމެއް ނުވުމާއި ކަމެއް ނުފެނުމާ ކަމެއް ހިނގާކަމުގެ އަޑު ނޭހުމާއި މީގެ ތެރޭން ބަހުގެ ބެފުޅުން އެބަޖެހޭ ކަންނޭނގެ ތަފާތުތަކެއް ގެންނަން މިހާރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ނަފްސު ކަތިލުމުގެ މައްސަލަތަކެއް ހިނގާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ޒާތާ ބެހޭގޮތުން ޝަހުސާ ބެހޭގޮތުން އަދި ސިފަތަކާ ބެހޭގޮތުން މީގެ ކުރީގައިވެސް ލައްކަ ފާހަކަ ދެކެވިފައި ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ "އެއީ ދިވެހި ރައްޔިތުންނަށް އާ ވާހަކަތަކެއް ނޫން. އަދި އަމުދުން އަޅުގަނޑަށް ބާ ވާހަކަތަކެއް" ކަމަށެވެ.

ރައީސް ޔާމީނަށް އަމާޒުކޮށް އެމަނިކުފާނު ވަރުގެ މުއްސަންޖަކު ރާއްޖޭގައި ނެތް ކަމަށް ބުނާ ވާހަކަތަކަށް ރައީސް ވިދާޅުވީ " އަޅުގަނޑު މުއްސަނދި ކަމަށް ވާނަމަ އެއީ ﷲގެ ރިޒްގު" ކަމަށެވެ.