ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ޝަރީއަތަށް ފޮނުވައިފިއެވެ.

އެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ މިއަދު އޮތް އެ މައްސަލައިގެ ޑިސްޕިއުޓު ރެޒޮލިއުޝަންގެ ބައްދަލުވުމައި ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލު ނުލިބުމުންނެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައެއްނުވެއެވެ.

ފުލުހުންގެ އިދާރާ އަށް އަދީބުގެ ގާނޫނީ ވަކީލު ސިރާޖު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އަދީބުގެ ލޮލުގެ ވަށައިގެން ކަޅީގެ ތެރެޔަށް ފެތުރޭކަލަގޮތަކަށް ހުދު ރޮނގެއް އެބަހުރިކަމަށާއި ލޮލުގެ ކަޅީގެ ކުލަ ބަދަލުވަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދީބުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާތީ ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ގާނޫނީ ވަކީލަށް އޭނައާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

ސިރާޖު ވިދާޅުވެފައި ވަނީ އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ "ގްލޮކޮމާ" ޖެހިފައިވުން ހިމެނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދާދިފަހުން ވިދާޅުވެފައި ވަނީ އަދީބަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދެވޭނީ އެމްއެމްޕީއާރްސީގެތެރެއިން އޭނާ ނެންގެވި ފައިސާތައް އަނބުރާ ދައުލަތަށް ދިނުމުން ކަމަށެވެ.