25 Dec 2017, 19:03
ބ. ފެހެންދޫ އިންޖީނު ގޭގެ އޮފީސް މިހާރު ހިންގާ އިމާރާތުގެ ކުލި ނުދެއްކުމުން އެތަނުގެ މުވައްޒަފުން އެ އިމާރާތުން ނެރެލައިފިއެވެ.
ފެނަކަ ފެހެންދޫ ބްރާންޗުގެ އިދާރީ އޮފީސް ހިންގަމުންދަނީ އެރަށު އަމިއްލަ މީހެއްގެ ގެ އެއް ކުއްޔަށް ހިފައިގެންނެވެ. އެ ގޭގެ ވެރިފަރާތާ ހަވާލަދީ ފެހެންދޫ މީހަކު "ސަން" އަށް ކިޔައިދިންގޮތުގައި އެ އިމާރާތަށް ކުލި ނުދައްކާތީ، ގޭގެ ވެރިފަރާތުން އެތަނުން ނުކުންނަށް އެންގުމުން އިއްޔެ އެތަނުގައި ހުރި ތަކެތި އާ އިންޖީނުގެއަށް ވަނީ ބަދަލު ކޮށްފައެވެ.
"އާ އިންޖީނުގޭ އަދި އެއްކޮށް ހަދައި ނުނިމޭ. އިއްޔެ އެތަނަށް އެއްޗެހި ބަދަލުކުރި އިރު އެތަނުގައި ކަރަންޓުވެސް ނެތް ކަމަށް ވަނީ. މިއަދު އެ މީހުން ވަނީ ކަރަންޓުލައި ހިދުމަތްދޭން ފަށާފައި. އަދި މިއަދު ފެނަކައިން އެންގީ މާދަމާ އަށް އާ އިންޖީނުގޭގެ ހުރިހާ މަސައްކަތެއް ނިންމައި ހިދުމަތްދޭން މުވައްޒަފުން ވަޒީފާ އަށް ނިކުންނަން ޖެހޭނެ ކަމަށް،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފެނަކަ އޮފީސް ހިންގުމަށް އެރަށުން ކުއްޔަށް ނަގާފައިވާ އެ އިމާރާތަށް ކުލި ނުދައްކާ މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައި ކަމަށެވެ. އެގޮތުން ފެނަކަ އާއި އިމާރާތުގެ ވެރިފަރާތާ ދެމެދު ހަދާފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުން ހަމަވެ ދެ މަހުގެ ކުލި އަދިވެސް ނުދައްކާ ކަމަށް އޭނާ ބުންޏެވެ.
"ކޮންޓްރެކްޓް ހަމަވެގެން ދެ މަސް ދުވަހުގެ ކުލި އޮތީ ނުދައްކާ. އެގޮތަށް މިހާރު ޖުމްލަ 11،000 ރުފިޔާގެ ކުލި އެކިފަހަރު މަތިން ނުދައްކާ އެބަ ހުރި ކަމަށް ގޭގެ ވެރިފަރާތުން ބުނޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެ އިމާރާތުން ނިކުންނަން ޖެހުނީ ފެނަކައާއި ގޭގެ ވެރިފަރާތާ ދެމެދު އަލުން ހެދި އެއްބަސްވުމުގައިވާ ކުލީގެ އަދަދު ގޭގެ ވެރިފަރާތުން ބަލައިނުގަތުމުން ކަމަށެވެ. އެގޮތުން އެ މީހާ ތަނުގެ ކުލީގެ ގޮތުގައި 6000 ރުފިޔާ ބޭނުންވާ ކަމަށް ބުނުމުން ވެސް ފެނަކައިން ހެދި އެއްބަސްވުމުގައި ހިމަނާފައިވާ އަދަދަކީ 3000 ރުފިޔާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލާގައި ފެހެންދޫ އިންޖީނުގޭ އިސް އޮފިޝަލަކާ ސުވާލު ކުރުމުން ވިދާޅުވީ އިންޖީނުގޭގެ އޮފީސް ހިންގާ އިމާރާތުގެ ކުއްޔާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ދޭން ބޭނުން ނުވާ ކަމަށެވެ.