10 Aug 2011, 16:37
މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެ, ރައީސްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިދިޔަ މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅުއްވި މައްސަލަ ޝަރީއަތަށް ހުށަހެޅޭނީ، އެމައްސަލަ ތަހްޤީޤު ކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތްތަކުން ތަހްޤީގު ކުރުމުން ކަމަށް ޕީޖީ އިން ބުނެފި އެވެ.
ޕީޖީ އަހުމަދު މުއިއްޒަށް އުމަރު ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމައްސަލާގައި އިތުރު ތަހްގީގަކާ ނުލައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާއެއް ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި ހާއްސަ އިސްތިސްނާއީ ހާލަތެއް ފިޔަވައި، އާއްމު އޫސޫލެއްގެ ގޮތުން ޖިނާއީ އެއްވެސް މައްސަލައެއް ޝަރީއަތަށް ހުށަހެޅޭނީ، އެމައްސަލައެއް ތަހްގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން ތަހުގީގު ކުރުމަށް ފަހު ކަމަށް، ސަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ވެސް އެސިޓީގައިވެ އެވެ.
އުމަރު ފާހަގަކުރައްވާފައިވާ އެމައްސަލާގައި " އެއްވެސް މީހަކު އެއްވެސް ޖިނާއީ އަމަލެއް ހިންގާފައިވާ ކަމަށް އުމަރަށް ގަބޫލުކުރެއްވޭ ނަމަ، އެމައްސަލައެއް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުން ރަނގަޅުވާނެ،" ކަމަށް ވެސް އެސިޓީގައިވެ އެވެ. އަދި އެމައްސަލަ އެމުއައްސަސާއަކަށް ހުށަހެޅިގެން ބަލާނުދީފި ނަމަ، އެކަން އެނގޭނެ ހަރުދަނާ ލިޔުމަކާ އެކު ޕީޖީއަށް ހުށަހެޅުމުން އެކަމާ ބެހޭ ގޮތުން ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅެއް އަޅައިދޭނެ ކަމަށް ވެސް ޕީޖީން ވަނީ ބުނެފަ އެވެ.
ޕީޖީ އޮޕީހަށް އުމަރު ނަސީރު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ގައުމުގެ ވަލިއްޔުލް އަމުރުގެ މަގާމުގައި ހުންނެވި ބޭފުޅަކު ގާނޫނުގައި މަސްތުވާ އެއްޗެތި ކަމަށް ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ވާހަކަފުޅު ދެއްކެވުމަކީ އެ އެއްޗެހި އިތުރަށް ފެތުރި، މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި މީހުންނަށް އެއްޗެހި ބޭނުން ކުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
"މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް އަޅާލަން ޖެހޭނެ ކަމަށާއި އެ ވަބާއިން ސަލާމަތްވުމަށްޓަކައި އެ ކުދިން ބޭނުންވާ ގޮތަށް "ބޮވެން ޖެހޭނެ" ކަމަށާއި "ބޯން އެބަ ޖެހޭ" ކަމަށް ރައީސް ނަޝީދު ވިދާޅުވެ، "ބާރުގަދަ ޑްރަގްސް" އަށް ހުޅުވޭ ދޮރުތައް ބަންދު ކުރައްވާނެ ކަމަށް ވިދާޅުވުމުން ދޭހަވަނީ ބާރު ގަދަ ނޫން މަސްތުވާތަކެތި ބޭނުން ކުރުމަށް އެމަނިކުފާނު ހިތްވަރުދެއްވުން ކަމަށް ވެސް އުމަރުގެ ސިޓީގައިވެ އެވެ.