25 Dec 2017, 17:44
ބ. އޭދަފުށީގައި ސަރުކާރުން ގާއިމް ކުރުމަށް ނިންމާފައިވާ ސާފު ބޯފެނުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
އޭދަފުށީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ބޯފެނުގެ ނިޒާމަކީ އޯފިޑްގެ ލޯނު އެހީގެ ދަށުން 37 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ސްރީލަންކާގެ ސެނަކް ކުންފުންޏާއެވެ. މި އަހަރުގެ އެޕްރީލް މަހު ފެށި އެ މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތަކީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލެވެ.
އެ މަޝްރޫއުގެ ދަށުން 15 ކިލޯ މީޓަރުގެ ފެން ވިއުގައެއް ގާއިމްކޮށް ގަޑިއަކު އަށްޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ހުރި ދެ އާރޯ ޕްލާންޓް އޭދަފުށީގައި ބަހައްޓާނެއެވެ.
ރައީސް ޔާމީން ވަނީ އޭދަފުށީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ގެ ނިމުން ވެސް މިއަދު އިއްފިތާހު ކޮށްދެއްވާފައެވެ.
ބިމުގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި ޖުމްލަ 25.7 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
އޭދަފުށި ބިން ހިއްކުމުގެ މަޝްރޫއު ފަށާފައިވަނީ 2014 ވަނަ އަހަރުގެ އެފްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް 2015 ވަނަ އަހަރު ވަނީ އެއްކޮށް ނިންމާލާފައެވެ. އޭދަފުށިން ހިއްކި ބިމުގެ ބަޔާއި ލައިގެން މިހާރު އެ ރަށުގެ ބޮޑު މިނަކީ 57 ހެކްޓަރެވެ.
މީގެ އިތުރުން އޭދަފުށި ގޮނޑުދޮށުން 13.5 މީޓަރުގެ ސަރަހައްދެއްގައި ރިވެޓް ޖަހައި ހިލަ ޖެހުމުގެ ރަސްމިއްޔާތުގެ ނިންމުން ވެސް ރައީސް ޔާމީން ވަނީ އިއްފިތާހު ކޮށްދެއްވާފައެވެ.
އެމްޓީ ހޮގާޑް ކުންފުންޏާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަށް 22.7 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.