25 Dec 2017, 17:13
މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާ ބުރިޖު ހުޅުވާ ރަސްމިއްޔާތުގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެން ބުރިޖު ހުޅުވަން ރާއްޖޭގެ ކުރީގެ ރައީސުންނަށާއި އިދިކޮޅު ލީޑަރުންނަށް ދައުވަތު ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު ބ. ކެންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ކުރާ މަސައްކަތްތައް ސިޔާސީ ލީޑަރުންނަށް ނުފެންނާތީވެ ޗައިނާގެ އެހީއާއެކު އަޅާ ބުރިޖު ހުޅުވާ ދުވަހު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާނެ ކަމަށެވެ.
އަދި އެދުވަހުން އެބޭފުޅުންނަށް ބުރިޖު ފެނުނުތޯ އައްސަވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސިޔާސީ ލީޑަރުންނަށް ފެނިވަޑައިގަތުމަށްޓަކައި ﷲ ގެ ރަހުމަތާއެކީ ބުރިޖު ހުޅުވައި އަންނަ އަހަރުގެ މެދާ ހަމައަށް ދާއިރު މި ހުރިހާ ސިޔާސީ ލީޑަރުންނަށް ކުރީގެ ރައީސްކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވާނަން. ބްރިޖަށް ވަޑައިގެން އަޅުގަނޑާއެކު ބުރިޖު ހުޅުއްވައިދެއްވަން. އެދުވަހު އަޅުގަނޑު އަޑުއަހާލަން ބޭނުންވާނެ އެބޭފުޅުންނަށް އެ ބުރިޖު ފެނިވަޑައިގެންނެވިތޯ،" ރައީސް ވިދާޅުވި އެވެ.
ޗައިނާ މޯލްޑިވްސް ފުރެންޑްޝިޕް ބްރިޖަށް ހޭދަކުރާ ފައިސާއިން ކުރެވޭނެ އެއަށްވުރެ މުހިއްމުކަންކަން އެބަހުރި ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެ ބުރިޖަކީ މީގެ ކުރިން ވެރިކަން ކުރެއްވި ތިން ރައީސުން ވެސް ގެންގުޅުއްވި ހިޔާލެއް ކަމަށާއި އެ ރައީސުންނަށް ވެސް މުހިއްމުވި ބުރިޖެއް ކަމަށެވެ.
ނަމަވެސް އެކަން އޭރު ނުފުދި ގޮސް، މިހާރު އެހެން ރައީސަކު އެކަން ކުރައްވަމުން ގެންދިއުމަކީ އެ ބުރިޖަށް ހޭދަކުރާ ފައިސާ މުހިންމު ނޫން ކަމަށްވާނެ ސަބަބެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ބުރިޖަށް މިދާ 300 މިލިއަން ޑޮލަރުން އެއަށްވުރެ މާ ރަނގަޅު އެހެން ކަންކަން ކުރެވިދާނެއޭ ވިދާޅުވާ ކަމަށް ވަންޔާ އެއީ އޮޅުމެކޭ. މާލެ އަކީ ހުރިހާ އެންމެންގެ ތަނެއް. ހުޅުމާލެއަކީ އަޅުނގަޑުމެން އެންމެންގެ މަދީނާއެއް. ހުރިހާ އެންމެން ހިރުޖަ ކުރަން އޮތް ތަނެއް،"
"ރާއްޖޭގެ ޒުވާނުންނަށް ފުރުސަތުތައް އޮތީ އަދި ބޯހިޔާވަހިކަން ވެސް އޮތީ މިދެންނެވި ސަރަހައްދުތަކުގައި. އެހެންކަމުން މިތަންތަން ގުޅުވައިދޭ ފާލަމަކީ މުޅި ހުރިހާ ދިވެހިންނަށް އެކަމުގެ އުފަލާއި ފައިދާ ކުރާ ފާލަމެއް." ރައިސް ވިދާޅުވި އެވެ.