25 Dec 2017, 16:59
ސަރުކާރުން ނަގާ ލޯނު ދެއްކޭނެކަމާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި ލޯނު ނުދެއްކޭ ވަރުގެ ބަޔަކަށް ރައްޔިތުން ވޯޓު ދިނުން ހައްގު ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ބ. ކެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު މީހުން އަޑަށް އެންމެ ބާރުލާ ދައްކާ އެއްވާހަކަ އަކީ ޕީޕީއެމްގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނަގާ ވާހަކަ އާއި އެ ލޯނުތައް ދެން އަންނަ ސަރުކާރަކުން ދައްކަން ނުކުޅެދިދާނެ ވާހަކަ ކަމަށެވެ.
ސަރުކާރުން ލޯނު ނަގަމުންދާތީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ހަރު އަޑުން ރައްދު ދެއްވަމުން ގެންދަވާ ރައީސް ޔާމީން މިއަދު ވިދާޅުވީ އެ ވާހަކަ ފެތުރުމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ ފެއިލް ވެފައި ކަމަށެވެ.
"...ދަރާ ވިކިފައޭ މިއޮތީ ތިމަންނަމެން ބިރު ގަނައޭ. އެ ލޯނު އަދާ ނުކުރެވިދާނެތީ ބިރުގަނައޭ. އެހެންވީމަ އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑު ނޫން އެހެންމީހަކު 2018 ގައި އަންނަންޏާ ދެންތިބީ ހައްތާ އެ ލޯނު އަދާކުރުމަށް ނުކުޅެދި ބިރުގަންނަ މީހުން ނޫން ހޭ. އެވަރުގެ ބިރުގަންނަ ބަޔަކު ގޮވައިގެން ކިހިނެތްތޯ ރައްޔިތުން ކަމެއް ކުރާނީ. އެހެންވީމަ އޭގެން މީހަކަށް ވޯޓުލުން ހައްގެއް ނޫން،" ރައީސް ވިދާޅުވިއެވެ.
އިދިކޮޅު މަޖިލިސް މެންބަރުން ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާތީ އެކަމަށް ވެސް ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ދައުލަތުން ހުށަހަޅާ ބަޖެޓަށް މެންބަރުން ހިތްހަމަނުޖެހޭނަމަ އެއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ވޭތުވެދިޔަ އަށެއްކަ އަހަރު ފެނިގެން ދިޔައީ ތަރައްގީގެ މަޝްރޫއުތަކަށް އިދިކޮޅު މެންބަރުން ފާޅުގައި ދެކޮޅު ހެދި މަންޒަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބޮޑު ކަމަކަށް ވިދާޅުވެވޭނީ މުޅި ބަޖެޓު ތިމަންނަ އަކަށް ކަމަކު ނުދެއޭ. އެއްވެސް މީހަކަށް މުޅި ބަޖެޓް ކަމަކު ނުދާނެ. އެކަމަކު ބަޖެޓުން ކޮށްދޭ ކަންކަމަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ހާސިލްކޮށްދިނުން ކަމަށްވަންޏާ ބަޖެޓް އިސްލާހުކޮށްގެން ނަމަވެސް ބަޖެޓަށް ވޯޓް ދޭން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
މިއަދުގެ ސަރުކާރަކީ މީހުން ހިފައި ހައްޔަރުކުރާ އަނިޔާވެރި ސަރުކާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ވެސް ރައީސް ޔާމީން ވަނީ ރައްދު ދެއްވާފައެވެ.
"އަނިޔާއަކަށް ވަނީ ގާނޫނާއި އުފެދިފައި އޮންނަ ޝަރީއަތާ މި ނިޒާމްތަކުގެ ބޭރުން މީހުން ހިފައި ހައްޔަރުކުރަންޏާ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުން ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ މީހެއް ހުރި ނަމަ އެމީހަކު ދެއްކުމަށް ގޮވާލައްވާފައެވެ. އަދި އެއީ ނުކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް އެމަނިކުފާނު ގޮންޖެއްސެވިއެވެ.