ސީރިޔާގެ ސަރުކާރުގެ ސިފައިންނާ ހަނގުރާމަ ކުރަނިކޮށް މަރުވި ދިވެހި މީހާ އަކީ އަލްގައީދާގެ ސީރިޔާ ގޮތްޕެއް ކަމަށްވާ ހައިއާތު ތަހްރީރުލް ޝާމް (އެޗްޓީއެސް)ގެ ފަސްޓް ކޮމާންޑަރެއް ކަމަށް ކަމަށް ސީރިޔާގެ ސަރުކާރުން ބުނެފި އެވެ.

ސީރިއާގެ ސަރުކާރާ ގުޅިފައިވާ ނޫހެއް ކަމަށްވާ އަލް މަސްދަރު ނޫހުން މިއަދު ރިޕޯޓް ކޮށްފައިވާ ގޮތުން، އަބޫ ސާދް އަލް މަލްދީފީ ނަމަކަށް ކިޔާ އެ މީހާ އަކީ ބައިތު ޖިންގައި އެޗްޓީއެސްއާ އެކު ހަނގުރާމަ ކުރަމުންދާ އޭޝިއާގެ އެކި ގައުމުތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން އެކަކު ކަމަށެވެ.

އަދި އޭނަ މަރުވީ ސީރިއާ އާއި އިސްރާއީލާ ގުޅޭ ބޯޑަރު ސަރަހައްދު ކައިރީގައި އޮންނަ ބައިތުލް ޖިން ނަމަކަށް ކިޔާ ސަރަހައްދުގައި ކުރި ހަނގުރާމައިގާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އެމީހުން ސީރިއާގެ ދެކުނުގެ ސަރަހައްދުތަކަށް އެތެރެ ވެފައި ވަނީ އިސްރާއީލުން ނުވަތަ ޖޯޑަން އިން ކަމެއް އަދި ނޭނގެ އެވެ.

ސީރިއާގައި ކުރާ ހަނގުރާމައިގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ޖަމާއަތްތަކާއި ހަނގުރާމަވެރިންނަށް އިސްރާއީލުން ބޭސް ފަރުވާއާއި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސީރިއާ ސަރުކާރުން ތުހުމަތު ކުރެ އެވެ.