ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަޝްހޫރު ޑިޒްނީގެ ޗެނަލްތައް ދިރާގުޓީވީ މެދުވެރިކޮށް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ފުޅާދާއިރާއެއްގައި އެންޓަޓެއިންމަންޓާއި ތަފާތު ޗެނަލްތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ ދިރާގު ޓީވީން، ޑިޒްނީގެ ޗެނަލްތައްރާއްޖެއަށް ތައާރަފްކުރުމުގެ ގޮތުން ޑިޒްނީ ޗެނަލް، ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ، ޑިސްނީ ޖޫނިއާ އަދި ޑިސްނީ އެކްސްޑީ މިވަނީ ދިރާގު ޓީވީއަށް ތައާރަފް ކޮށްފިއެވެ.

ދިރާގުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ދިރާގު ޓީވީއަށް އަލަށް ތައާރަފް ކުރި ޑިޒްނީގެ ޗެނަލް ތަކުގެ ތެރެއިން ޑިޒްނީ ޖޫނިއާއިން ގެނެސްދޭނީ އުމުރުން ދެ އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިންނާ އެކަށީގެންވާ އެކުދިންގެ އުމުރާ ގުޅޭ ޕްރޮގްރާމް ތަކެއްކަމަށެވެ. އެ ޗެނަލްގެ އެންމެ މަޝްހޫރު ޝޯތަކުގެ ތެރޭގައި ހިމެނެނީ މިކީ މައުސް ކްލައުބް ހައުސް، ޑޮކް މެކްސްޓަފިންސް، އަދި ސޯފިއާ ދަ ފަސްޓްގެ އިތުރުން ކުޑަކުދިންގެ ހިތްތަކުގައި ލޯބިޖެހިފައިވާ ވިނީ ދަ ޕޫ، ގޯލްޑިލޮކްސް، ދި ސެވެން ޑްވާފްސް ފްރޮމް ސްނޯވައިޓް އަދި ޕީޓަޕޭން އާއި އެހެނިހެން ކެރެކްޓާސްތަކުގެ މުޅިން ތަފާތު ބައިތައްވެސް ޑިސްނީ ކިޑްސްއިންގެނެސްދޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުޓީވީން މިހާރު ޑިޒްނީގެ ޗެނަލްތައް ބަލައިލެވޭނެ-- ފޮޓޯ: ދިރާގު

އުމުރުން ހަތަރު އަހަރާއި 14 އަހަރާދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ޑިސްނީ ޗެނަލްއިން ގެނެސްދޭ ޝޯތަކުގެ ތެރޭގައި ޑަކް ޓޭލްސް، އެލީނާ އޮފް އެލެވޭޓާ، އާޓް އެޓޭކް، ޕީޖޭ މާސްކްސް އަދި ޑޯރޭމޮން ހިމެނެ އެވެ. އެ ޝޯތަކަކީ އެ އުމުރުފުރާގެ ކުދިންނާ ގުޅޭގޮތަށް ތައްޔާރުކުރެވިފައިވާ ޝޯތަކެއްކަމަށް ދިރާގުން ބުންޏެވެ.

ޑިޒްނީ ޗެނަލްގެ އިތުރުން އުމުރުން ހަ އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ޑިޒްނީ އެކްސްޑީ އިން ވެސް ކުޑަކުދިންނަށް އެކަށީގެންވާ އަދި ކުދިން ޝައުގުވެރިވާ ގިނަ ޝޯ ތަކެއް ގެނެސްދެ އެވެ. އޭގެތެރޭގައި މާވެލްސް ސްޕައިޑަމޭން، އެވެންޖާސް، ބޭބްލޭޑް އަދި ޕޮކިމަން ހިމެނެ އެވެ.

ދިރާގުންވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ޗެނަލް ތަކުގެ އިތުރުން ޒުވާނުންނަށް ހާއްސަކޮށްގެން ވޯލްޑް ކްލާސް އިންގްލިޝް ކޮންޓެންޓް ގެނެސްދޭ ޑިސްނީ އިންޓަނޭޝަނަލް އެޗްޑީވެސް ދިރާގު ޓީވީއަށް ތައާރަފް ކޮށްފައެވެ. ޒުވާނުންގެ މެދުގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ، ލިވް އެންޑް މެޑީ، ކޭ.ސީ. އަންޑަކަވާ އަދި ގާލް މީޓްސް ވޯލްޑް ގެެ އިތުރުން ބްލޮކްބާސްޓާގެ އޮރިޖިނަލް ފިލްމުތައް ކަމަށްވާ ޑިސެންޑެންޓްސް، ޓީން ބީޗް މޫވީ އަދި ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ ހަނާ މޮންޓަނާ، ވިޒާޑްސް އޮފް ވަވޭލީ ޕްލޭސް އަދި ހައި ސްކޫލް މިއުޒިކަލްގެ ފިލްމުތައް އެ ޗެނަލް މެދުވެރިކޮށް ޒުވާނުންނަށް ބެލޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުޓީވީން މިހާރު ޑިޒްނީގެ ޗެނަލްތައް ބަލައިލެވޭނެ-- ފޮޓޯ: ދިރާގު

ޑިޒްނީ އިންޑިއާގެ މީޑިއާ ނެޓްވާކްގެ، ކޮންޓެކްޓް އެންޑް ކޮމިއުނިކޭޝަން، އެގްޒެކްޓިވް ޑިރެކްޓާ އެންޑް ހެޑް، ދެވިކާ ޕްރަބޫ ވިދާޅުވީ، އާއިލާގެ އެންމެންނާ ގުޅޭފަދަ ގޮތަކަށް ޑިޒްނީގެ އެ ޗެނަލްތަށް ދިރާގާއި ގުޅިގެން ރާއްޖޭގެ ގެތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުންއެއީ ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ދިރާގުންވަނީ ސޮނީގެ 12 ޗެނަލެއްވެސް މިދިޔަ އޮކްޓޯބަރު މަހުގައި ދިރާގު ޓީވީއަށް ތައާރަފް ކޮށްފައެވެ. ދިރާގު ޓީވީން ފޯރުކޮށްދެމުން އަންނަ 80 އަށްވުރެ ގިނަ ޗެނަލްގައި 70 ޕަސެންޓް ޗެނަލްތަކަކީ އެޗްޑީ ޗެނަލެވެ. ދިރާގު ޓީވީން ފޯރުކޮށްދޭ ޗެނަލްތަކަކީ ފިލްމާއި ޑްރާމާ، މިއުޒިކް، ކުޅިވަރު އަދި ތަފާތު ޑޮކިއުމެންޓްރީތައް ހިމެނޭ ޗެނަލްތަކެވެ.