25 Dec 2017, 15:24
އިސްލާމްއާބާދު (25 ޑިސެމްބަރު): ޕާކިސްތާނުގައި ޓެރެރިސްޓު ހަމަލާތައްދީ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވަނިކޮށް އަތުލައިގައިގަތް އިންޑިއާގެ ޖާސޫސީ އޭޖެންޓު ކުލްބުޝާން ޖާދޭވް އޭނާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ޕާކިސްތާނުން ދީފި އެވެ.
ކުލްބުޝާންގެ މަންމަ އާއި އޭނާގެ އަންހެނުން މިއަދު ވަނީ ، ކުލްބުޝާންއާ ބައްދަލުކުރުމަށް ޕާކިސްތާނަށް ގޮސްފަ އެވެ. އެ ބައްދަލުކުރުމުގައި އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ޖޭޕީ ސިންގް ވެސް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ އޮފީހުން ބުނީ ކުލްބުޝާންއަށް އޭނާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި އަދި މިއަދަކީ ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހުގެ އުފަންދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށެވެ.
ޕާކިސްތާނުން ކުލްބުޝާން ޖާދޭވް ހައްޔަރުކުރީ މިއަހަރު މާޗްމަހު އެވެ. ޕާކިސްތާނުން ބުނީ ކުލްބުޝާން މަސައްކަތްކޮށްފައި ވަނީ އެގައުމުގެ ގްވަދާ ސަރަަހައްދަށް ޓެރެރިސްޓް ހަމަލާތައް ދިނުމަށް ކަމަށެވެ.
ޕާކިސްތާނުގެ ބޯޑަރާ ވަރަށް ކައިރީގައި އިރާނުގައި ހުރެގެން ކުލްބުޝާން ވަނީ ވަރަށް ގިނަ ޓެރެރިސްޓް ހަމަލާތައް ރާވައި ހިންގައިފަ އެވެ. އޭނާ އަތުލައިގަތީ އިރާނުގެ ތެރެއިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދެއް ކަމަށްވާ ބަލޫޗިސްތާނުގައި ހަރަކާތްތެރިވަމުން ދަނި ކޮށެވެ.
ކުލްބުޝާން އޭނާގެ ކުށަށް އިއުތިރާފްވިކަމުގެ ވީޑިއޯއެއް ވެސް ޕާކިސްތާނުން ވަނީ ނެރެފަ އެވެ.
ކުލްބުޝާންއަށް ޕާކިސްތާނުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް އިންޑިއާއިން އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އެ މައްސަލަ ހުށަހަޅައިފައިވާތީވެ މަރުގެ ހުކުމް އަދި ތަންފީޒުކޮށްފައެއް ނުވެ އެވެ.
މަސްދަރު: އެކްސްޕްރެސް ޓްރިބިއުން