ރައްޔިތުންގެ ގާތަށް ވޯޓް ހޯދުމަށް އަންނަ ސިޔާސީ ލީޑަރުންނަށް ވޯޓު ދިނުމުގެ ކުރިން އެ މީހެއްގެ ގައިގައި ތިން ކަމެއް ފުރިހަމަ ވޭތޯ ބެއްލެވުމަށް ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ޅ. ހިންނަވަރުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަ ކުރެއްވި ތިން ކަމަކީ މިއީ އެވެ.

1. މީހާގެ ބެކްރައުންޑް އަދި މާޒީއަށް ބަލާލުން

ރައީސް ވިދާޅުވީ ކޮންމެ ސިޔާސީ މީހަކީ ވެސް ދުރު ކަރައަކުން އައިސްގެން އުޅޭ މީހެއް ނޫން ކަމަށާއި އެ މީހުންނަކީ ވެސް ރާއްޖެ އަށް ނިސްބަތްވާ ރާއްޖޭގެ ރަށްތަކުގައި އުޅެ ބޮޑެތިވި މީހުން ކަމަށެވެ. އަދި އެ މީހުންގެ ވެސް މާޒިއަކާއި ފަތި ފުށެއް އޮތްނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެނަކީ އެއްވެސް ގޮތަކަށް އެހެން ޕްލެނަޓަކުން އައިސް އުޅޭ ބައެއް ނޫން. އެހެންވީމާ ވަރަށް ފަސޭހަ ވާނެ ކޮންމެ މީހެއްގެ ބެކްރައުންޑް މުތޯލިއާ ކޮށްލަން. ކޮންމެ މީހެއްގެ މާޒީ ދެނެގަންނަން ވަރަށް ފަސޭހަ ވާނެ،" ރައީސް ވިދާޅުވި އެވެ.

ދިވެހިންނަކީ އިސްލާމީ އަގީދާގެ މަތީގައި ދެމިތިބެން ބޭނުންވާ ބައެއް ކަމުގައި ވަނީ ނަމަ ފުރަތަމަ ސުވާލުން ފެއިލް ވާނެ އެތަކެއް ލީޑަރުންނެއް މިހާރު ވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އެބަތިބި ކަމަށް ރައީސް ވިދާޅުވި އެވެ.

  1. ނުބައްދަލު ވާހާކަ ދެއްކުން

ރައީސް ވިދާޅުވީ ސިޔާސީ މީހުންނަކީ ދޫހެލޭ ބައެއް ކަމަށާއި އެހެން ކަމުން ފަށުވި އިބާރާތްތަކުން މޮޅެތި ވާހަކަތަކެއް ދައްކާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން އެއްފަރާތްކޮށް ހިޔާލަށް ނުގެނެވޭ ވަރުގެ މޮޅެތި ވާހަކަތަކެއް ދައްކާ ނަމަ އެމީހަކު ވެސް އެއް ފަރާތް ކޮށްލަން ޖެހޭނެ ކަމަށެވެ.

"މިވެނި މީހަކު މިވެނި ކަހަލަ ވާހަކައެއް ދައްކައިފި އޭ. ރައީސް ޔާމީން ވެސް ސްޕޭސް އަށް ދާ ވާހަކަ ދައްކަވައިފި ކަމަށް ވަންޏާ، ޖައްވަށްދާ ވާހަކަ ދައްކައިފި ކަމަށް ވަންޏާ، ރައީސް ޔާމީންގެ ސިކުނޑީގައި މިހާރު ވެސް އުނިކަމެއް އުޅޭ. އޭރުން ދެން އަނބުރާ އިޔާދަ ނުކުރެވޭ ވަރަށް ސިކުނޑި ގޯސް ކަމަށް ނިންމަން ވާނެ،" ރައީސް ވިދާޅުވި އެވެ.

  1. ދައްކާ ވާހަކަ އަމަލީ ގޮތުން ތަންފީޒު ކުރުމުގު ގާބިލުކަން ހުރިތޯ ބެލުން

ސިޔާސީ ބޭފުޅުން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންކަމަކީ އެ ބޭފުޅުންނަށް ކޮށްދެވޭނެ ކަމެއްތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭނާ އެ ދައްކާ ވާހަކަ އަމަލީ ގޮތުން އިމްޕްލިމެންޓް ކުރެވޭ ވަރުގެ، ތަންފީޒު ކުރެވޭ ވަރުގެ ތަޖުރިބާއަކާއި އިލްމަކާއި ހުނަރުވެރިކަން ހުރި މީހެއްތޯ ބަލާލަން ޖެހޭނެ. ހަމަ ވަރަށް ސާދާ ތިން ކަމެއް މި ދަންނަވާލީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ލީޑަރުންނަކީ ވަރުގަދަ ތަޖުރިބާއަކާއި އިލްމީ ގާބިލް ކަމެއް ލިބިގެންވާ ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންގެ އާންމު ހާލަތު އެ ބޭފުޅުންނަށް އެނގޭ މިންވަރެއް ދެނެގަނެވޭނީ ދައްކާ ވާހަކަތަކުންނާއި ކުރީގައި އަމަލުތައް ބަހައްޓާފައި ހުރި ގޮތް ގޮތުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ވަރަށް ސާދާ ތިން ކަމެއްގެ މި ދަންނަވާލީ. މި ތިން ކަންތަކުގެ ތެރެއިން އެންމެ ކަމެއްގެ ރަނގަޅު ފާހަގަ ޖެހުން، ތިކި ޖެހުން ފެއިލް ވެއްޖެ ކަމުގައި ވިޔަސް ނުބައި ފާހަގަ ޖެހިއްޖެ ކަމަށް ވިޔަސް ގަބޫލު ކުރައްވާ އެކަހަލަ ވެރިޔަކު އަޅުގަނޑުމެންނަކާ ނުގުޅޭނެ." ރައީސް ވިދާޅުވި އެވެ.