25 Dec 2017, 13:00
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީ އަކީ ކޮރަޕްޝަނުގެ ޗެމްޕިއަނުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހިންނަވަރު ފެނުގެ ނިޒާމު އިފުތިތާހު ކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމްޑީޕީ އަދި ރައީސް ނަޝީދަކީ އެކި ކަންކަމުގެ ޗެމްޕިއަނުން ގޮތުގައި ސިފަ ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެމަނިކުފާނަކީ ވެސް އަދި އެމްޑީޕީއަކީ ވެސް ކޮރަޕްޝަނުގެ ޗެމްޕިއަނުން ކަމަށެވެ.
"އަބަދުވެސް އަޑު އިވިގެންދަނީ ޗެމްޕިއަނެއްގެ ވާހަކަ. ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރަކީ އެކި ކަންކަމުގެ ޗެމްޕިއަނުން ކަމަށް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވަނީ އެމްޑީޕީ ސަރުކާރާއި ރައީސް ނަޝީދަކީ ކޮރަޕްޝަނުގެ ޗެމްޕިއަނުންނޭ،" ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުން ފެށިގެން ރައިސް ނަޝީދާއި އެމްޑީޕީ ސަރުކާރަށް ކޮރަޕްޝަނުގެ "ޗެމްޕިއަންކަމުގެ އެވޯޑް" އަރުވައިފިން ކަމަށެވެ.
ތޯރިގް ވިދާޅުވީ އެމްޑީޕީން ސަރުކާރާ 2008 ވަނަ އަހަރު ހަވާލުވެ އެންމެ ފުރަތަމަ ވިއްކާލީ ދިރާގުގެ ހިއްސާ ކަމަށެވެ. އެއަށް ފަހު މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ހިއްސާ ވިއްކާލި ކަމަށާއި އެއަށް ފަހު ދެން ވިއްކާލީ ދިވެހިންގެ އެއާޕޯޓް ކަމަށެވެ. އަދި ވިދާޅުވީ އެތަންތަން ނު އަގުގައި ވިއްކާލީ 2008 ވަނަ އަހަރު ވެރިކަމަށް އަންނަން އެހީވި މީހުންނަށް ހަދިޔާ ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކޮރަޕްޝަނަކީ އެއީ ކަމަށް ތޯރިގް ވިދާޅުވި އެވެ.