25 Dec 2017, 13:23
ކުޑަކުދިންނަށް ހާއްސަކޮށްގެން ލިޔެފައިވާ މަޝްހޫރު "ގުޑް ނައިޓް ސްޓޯރީސް ފޯ ރިބެލް ގާލްސް" ފޮތުގައި މިޔަންމާގެ ލީޑަރު އައުންގް ސަން ސޫޗީ ހިމަނައިފައިވާތީވެ، ސޫޗީ ހިމެނޭ އެ ޗެޕްޓަރު އެފޮތުން ނެގުމަށް ބެލެނިވެރިން ގޮވައިލައިފި އެވެ.
އެލީނާ ފަވިލީ އަދި ފްރޭންސެސްކާ ކަވައްލޯ ލިލެފައިވާ އެފޮތް މިދިޔަ އަހަރު ޝާއިއުކުރި އިރު ސޫޗީއަށް ގިނަ ބައެއްގެ ނަފުރަތު އަމާޒުވެފައެއް ނުވެ އެވެ. ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ ސޫޗީ އޭރު ފާހަގަވެފައި ވަނީ ޑިމޮކްރަސީގެ ދިފާއުގައި އަމަލީ ގޮތުން ބައިވެރިވި ހިތްވަރުގަދަ ލާމަސީލު ކަނބަލެއްގެ ގޮތުގަ އެވެ.
ނަމަވެސް މިޔަންމާގެ ސިފައިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތައް އެކަމަނާ ދިފާއުކޮށްދެއްވައިފައިވާތީވެ، ސޫޗީއަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
އދ. އިން ވަނީ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތައް ގަތުލުއާންމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އިނގިރޭސިވލާތުގެ އޮކްސްފޯޑު ސިޓީއިން ސޫޗީއަށް އަރުވައިފައިވާ "ފްރީޑަމް"ގެ ލަގަބު ވެސް، ރޮހިންގާގެ މައްސަލާގައި އެ ސިޓީން ވަނީ އެކަމަނާގެ އަތުން ނިގުޅައިގެންފަ އެވެ. އަދި ގިނަ ބަޔަކު ދަނީ އެކަމަނާއަސް އަރުވައިފައިވާ ދުނިޔޭގެ ނޯބަލް ސުލްހައިގެ އެވޯޑު ވެސް އަތުލުމަށް ގޮވާލަމުންނެވެ.
ގުޑް ނައިޓް ސްޓޯރީސް ފޯ ރިބެލް ގާލްސްއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ އަންހެންބޭކަނބަލުންނާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ.
އެފޮތުގައި ހިމެނޭ މުހިންމު ޝަހުސިއްޔާތުތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް އަދި ސެކެޓްރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންއާއި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސްގެ އިތުރުން މޭރީ ކިޔުރީ އަދި އެމީލިއާ އިއާހާޓް ފަދަ ޝަހުސިއްޔަތުގެ ވާހަކަތައް ހިމެނެ އެވެ.
ސޫޗީ ހިމެނޭ ޗެޕްޓަރު ނަގަން ބެލެނިވެރިން ގޮވައިލައިފައިވާއިރު، ހިލަރީގެ ނަން ނެގުމަށް ބެލެނިވެރިން ގޮވައިލައިފައެއް ނުވެ އެވެ. ހިލަރީއަކީ އެމެރިކާ އިން އިރާގާއި ލީބިޔާއާ ދެކޮޅަށް ކުރި ހަނގުރާމައަށް ފާޅުގައި ތާއިދު ކުރެވި ބޭކަނބަލެކެވެ. އެ ހަނގުރާމަތަކުގައި އެތަކެއް ހާސް މުސްލިމުންނެއް ވަނީ މަރުވެފަ އެވެ.
މައުލޫމާތު: ގާޑިއަން