25 Dec 2017, 14:53
ބ. ކެންދޫ ބަނދަރުގެ މަރާމާތަށް ފަހު ރަސްމީކޮށް އެ ބަނދަރު ހުޅުވައި ދެއްވައި، އެރަށުގައި ގާއިމް ކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފައްޓަވައި ދެއްވައިފި އެވެ.
ސުނާމީ ކާރިސާގައި ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން މި ސަރުކާރުން އެ ބަނދަރު މަރާމާތު ކުރުމަށް ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އަދި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމައި މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވަނީ އެތަން ބޭނުންކުރަން ފަށައިފައެވެ.
ޖުމްލަ 29.2 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހެދި ކެންދޫ ބަނދަރަކީ 540 ފޫޓާއި 180 ފޫޓުގެ ބަނދަރެކެވެ. އަދި އެ ބަނދަރުގައި 145 މީޓަރުގެ ބޮޑު ހިލައިގެ ކަނޑު ތޮއްޓެއް ލާފައިވާއިރު ކުރިން ބޭނުން ކުރި ބަނދަރާއި ނެރުން ތިލަވެފައިވާ ސަރަހައްދު 3.5 މީޓަރަށް ވަނީ ފުން ކޮށްފައެވެ.
އަދި މި ސަރުކާރުން ތަރައްގީ ކުރާ އެހެން ބަނދަރުތަކެކޭ އެއްގޮތަށް ކެންދޫ ބަނދަރުގައި ވެސް އެއްގަމު ތޮއްޓާއި އިންވެގެން ޕޭމަންޓެއް ހަދާފައިވާއިރު ނެރު ބައްތި ޖަހައި ބަނދަރު ބައްތިތައް ވަނީ ހަރު ކޮށްފައެވެ.
ކެންދޫ ބޯފެނުގެ މަޝްރޫއު
ދެހާސް ހަތަރު ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ އަށްފަހު ބ. އަތޮޅުގެ ގިނަ ރަށްތަކެކޭ އެއްގޮތަށް ކެންދުއަށް ވެސް ފެނުގެ ދަތިތައް ކުރިމަތިވެ ރައްޔިތުން ފެނަށް ޖެހުމުގެ ތަކުލީފު އުފުލަން ޖެހުނެވެ. އަދި ކާރިސާއަށް ފަހު އެރަށު ފެންފަށަލަ އަށް ބޮޑު ގެއްލުމެއްވި އެވެ.
އެކަން ހައްލު ކުރުމުގެ ގޮތުން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އެރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރަން ސަރުކާރުން ނިންމައި މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރި އެވެ.
އެ ކުންފުންޏަށް މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގެ ދަށުން އާރްއޯ ޕުލާންޓަކާއި 50 ޓަނުގެ ސްޓޯރޭޖް ޓޭންކެއް ކެންދޫގައި ބަހައްޓާނެއެވެ.