10 Aug 2011, 16:20
މޮސްކޯ (އޮގަސްޓް 10) : ސަބްމެރިން މެދުވެރިކޮށް ކަނޑުގެ އަޑިން ފޮނުވާ ބިޔަ މިސައިލެއް ތަރައްޤީ ކޮށްފިކަން ރަޝިޔާއިން ހާމަކޮށްފިއެވެ. ރަޝިޔާގެ ނޮވެސްޓީ ނޫސްއެޖެންސީ ބުނިގޮތުގައި "ލައިނަރ" ގެ ނަމުން ނަންދެވިފައިވާ މި މިސައިލްގައި ނިއުކްލިޔަރ 12 ބޯ ހަރުކުރެވޭނެއެވެ.
މީގެކުރިން ރަޝިޔާ އުފައްދާފައިވާ ކަނޑުގެ މިސައިލެއް ކަމަށްވާ "ބޮލޯވާ" މަރުކާގެ މިސައިލްތަކުގައި ހަރުކުރެވެނީ ނިއުކްލިޔަރ 6 ބޮލެވެ. ލައިނަރ މިސައިލް ވަނީ ތަޖްރިބާގެ މަރްޙަލާއަށް ވަދެފައެވެ.
މިދިޔަ މޭ މަހުގެ 20 ގައި ރަޝިޔާގެ ސަބްމެރިންއަކުންވަނީ ކާމިޔާބު ކަމާއެކު މި މަރުކާގެ މިސައިލެއް ތަޖްރިބާ ކޮށްފައެވެ. އެއް މިސައިލެއްގައި ނިއުކްލިޔަރ 12 ހަރުކުރެވޭވަރުގެ ބިޔަ މިސައިލެއް އެމެރިކާވެސް އުފައްދާފައެއް ނުވެއެވެ. އެހެންކަމުން މިއީ ކަނޑުގެ އަޑިން ފޮނުވާލެވޭ އެންމެ ބިޔަ އަދި އެންމެ ބާރުގަދަ މިސައިލް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މިސައިލްގެ އިންޖީނަކީ ދިޔާ ފިއުލްއިން މަސައްކަތްކުރާ އިންޖީނެއް ކަމަށް ޚަބަރު ލިބެއެވެ. (އަލްޖަޒީރާ)