25 Dec 2017, 12:18
ލީމާ (ޑިސެމްބަރު 25): އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށުގައި ޖަލަށް ލާފައިވާ ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޮރީއަށް މިހާރުގެ ރައީސް ޕެޑްރޯ ޕަބްލޯ ކަޗިންސްކީ މާފް ދެއްވައިފި އެވެ.
ކަޗިންސްކީގެ އޮފީހުން ބުނި ގޮތުގައި ސިއްހީ ހާލަތު ގޯސްވެފައިވާ ފުޖިމޮރީއަށް މާފު ދެއްވަން ރައީސް ނިންމެވީ "އިންސާނިއްޔަތަށް ޓަކައި" އެވެ. އެގޮތުން ފުޖިމޮރީއަށް ވަނީ "ފަރުވާއެއް ނެތް، ދުވަހުން ދުވަހަށް ގޯސްވާ ފަދަ" ބައްޔެއް ޖެހިފައި ކަމަށާއި އޭނާ ޖަލުގައި ހުންނެވުމުން ހާލު އިތުރަށް ގޯސް ވާނެ ކަމަށް ޕެރޫގެ ރައީސް އޮފީހުން ބުންޏެވެ.
ޕެރޫގެ ވެރިކަމުގައި 1990 އަކުން 2000 ވަނަ އަހަރާ ހަމައަށް ހުންނެވިި ފުޖިމޮރީ ޖަލަށް ލާން ފުރަތަމަ ހުކުމް ކުރީ 2007 ވަނަ އަހަރު ރިޝްވަތު ނެންގެވުމުގެ ކުށުގަ އެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
ފުޖިމޮރީއާ އިދިކޮޅު ފަރާތްތައް ޕެރޫގައި ގިނަ ނަމަވެސް އޭނާ އަށް ތާއިދު ކުރާ ފަރާތްތައް ވެސް އެގައުމުގައި ގިނަ އެވެ. އެގޮތުން އޭނާ އަށް ތާއިދު ކުރާ މަޖިލިސް މެމްބަރުން ވަނީ ރައީސް ކަޗިންސްކީ މަގާމުން ދުރުކުރުމަށް ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގައި ދާދި ފަހުން ނެގި ވޯޓެއް ނާކާމިޔާބު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ.
އެހެންކަމުން އިދިކޮޅު ފަރާތްތަކުން ވަނީ ކަޗިންސްކީ މަގާމުން ދުރުކުރުމާ ދެކޮޅަށް އެމެމްބަރުން ވޯޓު ދެއްވީ ފުޖިމޮރީއަށް މާފު ދެއްވާނެ ކަމުގެ ޔަގީންކަން ކަޗިންސްކީ ދެއްވުމުން ކަމަށް ވިދާޅުވެފަ އެވެ. ނަަމަވެސް ކަޗިންސްކީ ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. (ބީބީސީ)