އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ކުރިން މުބާރާތުގެ ތަށި ދުނިޔޭގެ އެކި ގައުމުތަކަށް ގެންދިއުމަށް ކުރާ ދަތުރުގައި އަންނަ މަހު ރާއްޖެ އަށް ތަށި ގެންނާނެ ކަމަށް ފީފާއިން ބުނެފި އެވެ.

ފީފާގެ ރަސްމީ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ "ޓްރޮފީ ޓުއާ" ޝެޑިއުލުގައި ބުނާ ގޮތުން ތަށި ރާއްޖެ އަށް ގެންނާނީ އަންނަ މަހުގެ 24 އިން 25 އަށެވެ.

އަންނަ މަހު 22ގައި އިނގިރޭސި ވިލާތުގެ ލަންޑަނުން ފެށުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ޓުއާ ސްޕޮންސަ ކޮށްފައި ވަނީ ކޮކާކޯލާ އިންނެވެ. އަދި ޓްރޮފީ ޓުއާގައި ޓްރޮފީ އެކި ގައުމުތަކަށް ގެންދަނީ އެކަމަށް ހާއްސަ ޖެޓެއްގަ އެވެ.

މިފަހަރު ވޯލްޑް ކަޕް ޓްރޮފީ ގެންދިއުމަށް ޝެޑިއުލް ކުރެވިފައިވާ ސިޓީތަކުގެ ތެރޭގައި އަވަށްޓެރި ސްރީ ލަންކާގެ ކޮލަމްބޯ އާއި ތައިލެންޑުގެ ޕުކެޓާއި ޕާކިސްތާނުގެ ލާހޫރާއި ފަލަސްތީނުގެ ރާމަﷲ އާއި ޔޫއޭއީގެ ޑުބާއީ އާއި ދެކުނު އެފްރިކާގެ ޖޮހަނެސްބާގާއި ކޭޕް ޓައުން ހިމެނެ އެވެ. މީގެ އިތުރުން އަޒަރްބައިޖާންގެ ބަކޫ އާއި ޖޯޑަންގެ އައްމާން، ކެންޔާގެ ނައިރޯބީ، ޗައިނާގެ ދެ ސިޓީ އަކާއި ޖަޕާނުގެ ދެ ސިޓީ ހިމެނެ އެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަންނަށް މިހާރު ދޭ ޓްރޮފީ އަކީ 1974 ވަނަ އަހަރު ތައާރަފްކުރި ޓްރޮފީއެކެވެ. ޖެހިޖެހިގެން ތިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ކުރިން ދެމުން އައި ޖޫލްސް ރިމޭ ޓްރޮފީ 1970 ވަނަ އަހަރު ދާއިމީކޮށް ދީފައި ވަނީ ބްރެޒިލަށެވެ.