ޅ. ހިންނަވަރުގައި އެމެރިކާ ސަރުކާރުގެ އެހީގައި ގާއިމު ކުރި ފެނުގެ ނިޒާމް ރަސްމީކޮށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިފްތިތާހުކޮށްދެއްވައިފި އެވެ.

އެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ރައީސް ޔާމީން އެ ރަށަށް މިއަދު ހެނދުނު ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އެ މަޝްރުއުއާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ރަށުގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ތެރެއިން 700 ގެއަށް ފެން ލިބޭނެ ގޮތް ހަދާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަހައްދުތަކަށް ވެސް ފެން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ޔޫއެސް އެއިޑްގެ ދަށުން އެ ރަށުގައި ފެނުގެ ނިޒާމް ގާއިމު ކުރަން ފެށީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. މަސައްކަތް ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީންވަނީ ބުނެފަ އެވެ. އެ މިނިސްޓްރީން ބުނީ ހިންނަވަރު ފެނުގެ މަޝްރުއުއަށް ޖުމުލަ 3.8 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން ތިން އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދެން ވަޑައިގަންނަވާނީ ބ. އަތޮޅު ކެންދޫ އަދި އޭދަފުއްޓަށެވެ.