ވެލެންސިޔާގެ ގޯލް ކީޕަރަކަށް ކުޅުނު އިރު، ހ. ފެވަރިޓްވިލާ ހަސަން ރަމީޒް )ޓިމޯ( ރިޝްވަތު ހިފާފައިވާ ބުނެ، ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދީފައިވާ ހެކިތަކުގެ މައްޗަށް ބުރަވެ، ޓިމޯއަށް ވެލެންސިޔާ އިން މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ނުދިނުމުން ލިބުނު ގެއްލުމުގެ ބަދަލާއި އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އޭނާ ހަރަދުކުރި ފައިސާއާ އެކު ޖުމްލަ 530000ރ. ވެލެންސިޔާ އިން ނަގައިދެވޭނެތަނެއް ނެތް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވެލެންސިއާގެ މައްޗަށް ޓިމޯ އުފުލި ދައުވާގައި ބުނެފައި ވަނީ އޭނާގެ މުސާރައިގެ ގޮތުގައި ނުދީވާ 170000ރ. އާއި އެ މުސާރަ ނުދިނުމުން ލިބުނުގެ ގެއްލުމުގެ ގޮތުގައި 300000ރ. އިތުރުން އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން ކުރި މަސައްކަތަށް 60،000ރ. ވެލެންސިޔާ އިން ދޭންޖެހޭނެ ކަމަށެވެ. އަދި ޖުލްމަ 530000ރ. ވެލެންސިޔާ އިން ނަގައިދިނުމަށް ސިވިލް ކޯޓްގައި އޭނާ އެދިފައިވެ އެވެ.

ނަމަވެސް އެ ދައުވާގެ ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ނިހާޔަތު މިއަދު އިއްވެވި ހުކުމްގައި ބުނެފައި ވަނީ ވެލެންސިޔާއަށް ކުޅުމަށް ވެފައިވާ އެއްބަސްވުމުގައި ބުނެފައިވާ އަހަލްގީ އިތުބާރަކީ އެއްބަސްވުމުގެ އެއް އަސާސްކަމުން، އެނާގެ މައްޗަށް އުފުލި ރިޝްވަތުގެ ކުށުގެ ދައުވާގެ ހެކި ޝަރީއަތް ނިންމުމުގައި ބަލާފައިވާނެ ކަމަށެވެ.

".. ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގައި މައްސަލަ ސާބިތު ކުރުމުގައި ގެންގުޅޭ މިންގަނޑު ތަފާތުކަމަށްވީހިނދު، އެހެކިތަކަކީ މިގަޞިއްޔާގެ މަގްސަދަށްޓަކައި އެމައްޗަށް ބުރެވެވޭ ހެކިތަކެއް ކަމަށްވިޔަތީ، ދައުވާ އެދިފައިވާ ފައިސާ ކްލަބް ވެލެންސިއާގެ ކިބައިއިން ނަގައިދެވޭނެތަނެއް ނެތް ކަމަށް ކަނޑައަޅައި، ހުކުމްކޮށްފީމެވެ،" ނިހާޔަތު އިއްވެވި ހުކުމްގައި ބުނެފައިވެ އެވެ.