25 Dec 2017, 11:48
ހއ. އަތޮޅުގައި ހުންނަ އާންމު ހިދުމަތްދޭ އިދާރާތަކަށް އަމާޒުކޮށްގެން ޖެންޑާ މިނިސްޓްރީ އިން ބޭސިކް ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ހިންގައިފި އެވެ.
އެ މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ދެ ފިޔަވައްސަކަށް ބަހާލައިގެން މި މަހުގެ 16 އިން 24 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ ވަރަށް ވެސް ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ.
ކޯހުގައި ބައިވެރިވެ ކޯސް ނިންމި މީހަކަށް މިނިސްޓަރު ޒެނީޝާ ހަނދާނީ ލިޔުން ދެނީ--- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންންގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކި ހިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދިނުން ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ ތަމްރީނުތަކުގައި އެ އަތޮޅުގެ ހަތް ރަށަކުން 66 މީހުން ބައިވެރިވި ކަމަށާއި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި އަދި ނިންމި މީހުންނަށް ސެޓްފިކެޓާއި ހަނދާނީ ލިޔުން ދީފައިވާ ކަމަށެވެ.
ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށާއި އެފަދަ މީހުން އެކި ދާއިރާތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް އެ މިނިސްޓްރީން ގަސްދު ކުރާ ކަމަށެވެ.
ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން މި އަހަރުގެ ތެރޭގައި އެކަނިވެސް ބޭސިކް ސައިން ލެންގުއެޖް ޓްރޭނިންގެ ހަތަރު ކޯހެއް ހިންގައި، 180 އަށް ވުރެ ގިނަ މީހުން ތަމްރީނު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.