މިދިޔަ ހަފްތާތެރޭގައި މުޅި މީސް މީޑިއާ "ދިއްލާލީ" ރ. ވާދޫގެ ގޮނޑުދޮށްތަކުގައި ލާފައިވާ ރީތި ރެދަނުންނެވެ. ރެދަން ލުމާ އެކު ހިތްގައިމުކަން އިތުރުކޮށްދީފައިވާ ފޮޓޯތަކާ އެކު އެތައް ބަޔަކު ވާދޫގެ ރީތިކަމަށް ތައުރީފު ކުރަމުން ދަނިކޮށް އިއްޔެ އަނެއްކާ ވެސް އެރަށު ގޮނދު ދޮށުން ތަފާތު މަންޒަރެއް ފެނިއްޖެ އެވެ.

އިއްޔެ އެ ރަށު ގޮނޑުދޮށަށް ވަނީ ގިނަ އަދަދެއްގެ ޖެލީ ފިޝް ޖަމާވެފަ އެވެ. ކުދި ޖެލީ ފިޝްތަކުން ރާޅުޖަހާ ހިސާބު ޒީނަތްތެރިކޮށްފައިވާއިރު އެކަންވީ އެރަށު މީހުންނަށް ވެސް ތަފަތު ތަޖުރިބާ އަކަށެވެ. ކުދި ބޮޑު އެންމެން އެތަން ބާލަލަން އިއްޔެ އުޅުނީ އަތިރިމަތީގަ އެވެ.

ވާދު ގޮނޑުދޮށަށް ޖަމާވެފައިވާ ޖެލީ ފިޝްތައް--ފޮޓޯ/ ވާދޫ އޮންލައިން

ރ. ވާދޫ ކައުންސިލް މެމްބަރަކު ރޭ "ސަން"އަށް ވިދާޅުވީ އެ ރަށުން މީގެ ކުރިން ނުފެންނަ ވަރަށް ޖެލީ ފިޝް ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެހާ ގިނަ އަދަދަކަށް މީގެ ކުރިން އެ ޒާތުގެ ޖެލީ ފިޝް ގޮނޑު ދޮށުން ނުފެންނަ ކަމަށާއި އެކަމާއި އެރަށު މީހުން ވެސް ތިބީ ހައިރާންވެފައި ކަމަށެވެ.

"ރަށު ރައްޔިތުން ވެސް މިތިބީ ހައިރާންވެފައި. ވަރަށް ބައިވަރު ޖަމާވެފައި އޮތީ. ދެން އެ ހުރިހާ ޖެލީ ފިޝްތައް ގޮނޑުދޮށުގައި އޮންނަ އިރު ފުދޭވަރަކަށް ހިތްގައިމު މަންޒަރެއް ފެންނަނީ،" އެރަށު އިރުމަތީ ފަރާތު ގޮނޑުދޮށާއި ދިމާލަށް އާދަޔާހިލާފަށް ފެންނަމުންދާ ޖެލީ ފިޝްތަކާއި ގުޅޭ ގޮތުން ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މި ޒާތުގެ ޖެލީ ފިޝް ވާދޫ ގޮނޑު ދޮށުން ފެނުނު ނަމަވެސް މިކަމާ އެ ރަށުގައި އާދަޔާ ހިލާފަށް ރެދަން ލުމާ ގުޅުމެއް ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި ވާދޫ ރައްޔިތުން ވެސް ގަބޫލު ކުރަނީ އެހެންނެވެ.

ވާދު ގޮނޑުދޮށަށް ޖަމާވެފައިވާ ޖެލީ ފިޝްތައް--ފޮޓޯ/ ވާދޫ އޮންލައިން

މިދިޔަ ހަފްތާގައި އެރަށު ގޮނޑުދޮށުގައި އާދަޔާހިލާފަށް ރެދަން ލި ނަމަވެސް މި ދެތިން ދުވަހު ކުރިން ލާވަރަށް ރެދަން ނުލާ ކަމަށް އެރަށުން ވާހަކަ ދެއްކި ބައެެއް މީހުން ވަނީ ބުނެފަ އެވެ.

މިފަހަރު ފެންނަން ފެށި ޖެލީ ފިޝް ހިފައިގެން ގެންގުޅެން އެހާރައްކާތެރި ނޫން ކަމަށް އެ ރަށު ކައުންސިލް މެމްބަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިއްޔެ އެ ޖެލީ ފިޝްތައް އަތައް ނަގައިގެން އުޅުނު ބައެެއް މީހުންގެ އަތުން ފޮޅު ނެގުމާއި ކެހުން ފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ.

ވާދު ގޮނޑުދޮށަށް ޖަމާވެފައިވާ ޖެލީ ފިޝްތައް--ފޮޓޯ/ ވާދޫ އޮންލައިން

"ބައެއް މީހުންނަށް އަތުން ފޮޅު ނެގުމާއި ކެހުން ފަދަ ކަންކަން ދިމާވެފައި ވަނީ. އެހެންވީމާ ރައްޔިތުންނަށް އިލްތިމާސް ކުރަމުން މިދަނީ އެ ނަގައި ނުހަދަން،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ރ. ވާދޫގެ ގޮނޑުދޮށް ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނީ ރޭގަނޑުގެ ވަގުތުގައި އެ ދިއްލާލާ ދިއްލާމުމުގެ ސަބަބުންނެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ވާދޫގެ ގޮނޑުދޮށުގައި ރެދަން ލާ ދުވަސްވަރެކެވެ. ގުދުރަތީ ރީތި މި މަންޒަރު ބަލައިލުމަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލްތަކުން ވެސް އެރަށަށް ގޮސްފައި އެބަހުއްޓެވެ.